21 Jul 2014, 15:51
ޔޫކްރެއިން ބާޣީންގެ މިސައިލު ހަމަލާއަކުން ވައްޓާލިކަމަށް ތުހުމަތުކުރެވޭ މެލޭޝިއަން އެއާލައިންސްގެ ފުލައިޓު އެމްއެޗް17 ގައި އެދުވަހު ދަތުރުކުރުމަށް ހަމަޖެހިފައި ތިބި ދެ ކްރޫއިން އެސަރަހައްދު މަތިން ދަތުރުކުރުމަށް އިންކާރުކޮށް އެހެން ދެ ކްރޫއަކާ ޝިފްޓް ބަދަލުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނެފި އެވެ.
ޑެއިލީ މެއިލް ނޫހުގައި ބުނެފައިވާ ގޮތުގައި ފުލައިޓު އެމްއެޗް17 ގައި މަސައްކަތްކުރަމުން އައި އެހެން ބައެއް މުވައްޒަފުން ވެސް ވަނީ ހަނގުރާމައިގެ ސަރަހައްދެއްގެ މަތިން ދަތުރުކުރުމަށް އިންކާރުކޮށްފައެވެ. ސަބަބަކީ މީގެ ކުރިން ވެސް ޔޫކްރެއިންގެ މަތިންދާ ބޯޓަކާއި ހަނގުރާމަ މަތީގައި ބޭނުންކުރާ މަތިންދާ ބޯޓެއްގެ އިތުރުން ޓްރާންސްޕޯޓު އެއާކްރާފްޓެއްވެސް އެސަރަހައްދުގެ މަތިން ދަތުރުކުރަނިކޮށް ހަމަލާދީ ވައްޓާލާފައިވާތީ ކަމަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.

ޑެއިލީމެއިލް ނޫހުން ބުނިގޮތުގައި އެމްއެޗް17 އިން ދަތުރުކުރުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އެފްލައިޓުގައި ދަތުރުކުރަން ހަމަޖެހިފައިވާ ކެބިން ކްރޫއިންގެ އިތުރުން އެންމެ ސީނިއާ ޕައިލެޓުން ވެސް ވަނީ ޔޫކްރެއިންގެ އުތުރުގައި ހަނގުރާމަ ކުރަމުންދާ ސަރަހައްދު މަތިން ދަތުރުކުރުމުގައި ހުރި ނުރައްކާތެރިކަން ފާހަގަކޮށް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގައި ނުރަސްމީކޮށް ޝަކުވާކޮށްފައެވެ.
ބުރިޓިޝް އެއާވޭސް އާއި ލުފްތާންސާ އެއާލައިންސް އާއި އެއާ ފުރާންސް އާއި ކާންޓާސް އެއާލައިންގެ އިތުރުން އެމެރިކާގެ ހުރިހާ އެއާލައިން ތަކުންވެސް އެސަރަހައްދު މަތިން ދަތުރުކުރުން ހުއްޓާލާފައިވާ އިރު މެލޭޝިއަން އެއާލައިންސް އިން އެފަދަ ފިޔަވަޅެއް ނޭޅުމަކީ ސުވާލު އުފެދޭކަމެއް ކަމަށް އެ ނޫހުގައި ވަނީ ފާހަގަކޮށްފަ އެވެ.
"އެސަރަހައްދަށް ނާރައި ވަށާލާފައި ދިޔުމުން ދަތުރުކުރާ ގަޑި އިތުރުވެ އަދި ޚަރަދުވެސް ބޮޑުވޭ. އެކަމަކު ވެސް އަހަރުމެން ވަށާލާފައި ދަނީ ފްލައިޓުގެ ސަލާމަތައްޓަކައި،" އޭޝިއާނާ އެއާލައިންސް އިން ބުންޏެވެ.
މެލޭޝިއާގެ ނެޝަނަލް ޔޫނިއަން އޮފް ފުލައިޓު އެޓެންޑަންޓްސްގެ ރައީސް އިސްމާއިލް ނަސަރުއްދު ވިދާޅުވިގޮތުގައި އެފުލައިޓުގެ އެއްވެސް މުވައްޒަފަކު ކުރި ޝަކުވާއެއް އޭނާއާ ހަމައަށް އައިސްފައި ނުވާކަމަށާއި އެފަދަ ނުރައްކަލެއް އޮތް ސަރަހައްދަކުން ފުލައިޓެއް ދަތުރުކުރުމަށް ގްރީން ލައިޓު ދީފައިވާތީ އެކަމާ ސުވާލު އުފެދޭ ކަމެކެވެ.
"އަޅުގަނޑުމެން ނުރުހުންވެ ދެރަވެސް ވޭ އެކަން އެގޮތައް ވީމަ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ހުރިހާ ފުލައިޓުތަކަކަށް ވެސް ވަނީ އެސަރަހައްދު މަތިން 32000 ފޫޓުގެ އުސްމިނެއްގައި ދަތުރު ކުރުމަށް ގްރީން ލައިޓު ދީފައި. އެހެން ފުލައިޓުތައް ވެސް ދަތުރުކުރޭ. އަޅުގަނޑުމެން ބަލަން ބޭނުންވަނީ އެއޯގަނައިޒޭޝަނަށް އެފަދަ ނުރައްކަލެއް އޮތްކަން އެނގޭތޯ ނުވަތަ ނޭނގޭތޯ އަދި އެނގޭނަމަ އެސަރަހައްދުގެ މަތިން ދަތުރުކުރުމަށް ހުއްދަ ދިނީ ކީއްވެގެން ތޯ. އަދި އަޅުގަނޑުމެން ބަލަން ބޭނުންވަނީ ކީއްވެ ތޯ ޚާއްސަކޮށް މެލޭޝިއަން އެއާލައިންސް އަށް ޓާގެޓްކުރީ،" އިސްމާއިލް ނަސަރުއްދު ވިދާޅުވި ކަމަށް ޑެއިލީމެއިލް އިން ބުންޏެވެ.
އާދީއްތަ ދުވަހުގެ ރޭ މެލޭޝިއަން އެއާލައިންސްގެ ސްޕޯކްސް ޕާސަން ވިދާޅުވީ އެ އެއާލައިންސްގެ އިތުރުން 150 އެއާލައިނުން އެސަރަހައްދުމަތިން ދަތުރުކުރާ ކަމަށާއި އެސަރަހައްދަކީ ނުރައްކަލެއް އޮތް ސަރަހައްދެއް ނޫންކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ އިތުރުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ވެސް ބުނެފައިވާ ކަމަށެވެ.