12 Jan 2011, 10:39
ބެންކޮކް އެއާވޭޒް އާ ގުޅިގެން ތައި އެއާވޭޒް އިން ކޯޑް ޝެއާ ފުލައިޓްތަކެއް ރާއްޖެ އަށް އޮޕަރޭޓްކުރަން ފަށައިފި އެވެ.
ޓްރެވަލް ހަބަރުތައް ގެނެސްދޭ އޭޝިޔާގެ އޮންލައިން ނޫހެއް ކަމަށްވާ އީ-ޓުރެވަލް ބުލެކްބޯޑްގައިވާ ގޮތުން ތައި އެއާވޭޒް އިން ރާއްޖެ އަށް އުދުހޭނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ. ހަފްތާއަކު ތިން ދުވަހު ދަތުރުކުރުމަށް ހަމަޖައްސާފައިވާ އެ ފުލައިޓްގެ ދަތުރުތައް ކުރާނީ އެއާބަސް އޭ-319ގެ ބޯޓެއްގައި ކަމަށް ވެސް އީ-ޓުރެވަލް ބުލެކް ބޯޑް ބުނެ އެވެ.
ތައި އެއާވޭސްގެ ފުރަތަމަ ފުލައިޓް ރާއްޖެ އައިސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް އެނޫސް ބުނެ އެވެ.
ކޯޑް ޝެއާފުލައިޓް އަކީ އެއް އެއާލައިންއަކުން އަނެއް އެއާލައިނެއްގެ ސީޓްތައް ބޭނުންކުރުމަށް ދެ އެއާލައިންއެއްގެ ދެމެދުގައިވާ އެއްބަސްވުމެކެވެ.
ތައި އެއާވޭޒްއިން ސުރީލަންކާ އާއި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޖެނެރަލް މެނޭޖަރު ވީރަވަތް ސުވަސްތިބުދުރާ އާ ހަވާލާދީ އީ-ޓުރެވަލް ބުލެކް ބޯޑްގައި ބުނެފައި ވަނީ ރާއްޖެ އަށް ތައި އެއާވޭޒް އިން ކޯޑް ޝެއާ ފުލައިޓްތަކެއް ބާއްވާގޮތަށް ނިންމީ ރާއްޖެ އަކީ ގުދުރަތީ ރީތި މަންޒިލަކަށް ވުމުން ގިނަ ޓޫރިސްޓުންނަށް ރާއްޖޭގެ ރީތިކަން ދެކިލުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުންކަމަށެވެ.
ތައި އެއާވޭޒްއިން މިހާރު ވެސް އަންނަނީ 34 ގައުމެއްގެ 71 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.