21 Jul 2014, 16:06
ލ. އަތޮޅު ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ފެނަކައާ ހަވާލުކޮށް، އެ ކުންފުންޏާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދެވެ. އަދި ފެނަކައިގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ، ގަމުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ސަރުކާރުން އަޅާނުލާ އޮތް ކަމެއް ނޫން ކަމަށާއި ސަރުކާރާއި މިނިސްޓްރީއާއި ފެނަކައާ ގުޅިގެން އެކަމުގައި މަސައްކަތްތަކެއް ކުރިންވެސް ވަނީ ކުރެވިފައި ކަމަށެވެ. އަދި ލ. ގަމުގައި އަލަށް އާބާދުވާ ސަރަހައްދުގައި ސުނާމީ ދުވަސްވަރު ނަރުދަމާ ނިޒާމުގެ އޮޕަރޭޝަން މެއިންޓެނަންސްގެ ކަންތައް ކުރިއަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފެނަކައަކީ ވެސް ވަރަށް ބޮޑަށް މާލީ އެހީތެރިކަން ބޭނުންވާ ތަނެއް. ފެނާއި، ނަރުދަމާއަކީ ވެސް އޮޕަރޭޝަން މެއިންޓެނަންސްއަށް ބޮޑު ހަރަދެއް ހިނގާ ދެ ހިދުމަތް. ނަރުދަމާއަށް ބޮޑު ހަރަދެއް ހިނގާކަމުގައި ވިޔަސް، އަދި ރާއްޖޭގެ 30 ރަށެއްގައި ނަރުދަމާ ގާއިމުކުރެވިފައިވީ ނަމަވެސް ނަރުދަމާއަށް ފީއެއް ނުނެގޭ،" މަތީން ވިދާޅުވި އެވެ.
ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ނިމާލު ވިދާޅުވީ، ފެނަކައިން ނަރުދަމާގެ މަސައްކަތް ނިންމަން ޖެހޭ ތާރީހަށް ނިންމާފައި އޭގެ ހިދުމަތް ރައްޔިތުންނަށް ދޭން ފަށާނެ ކަމަށެވެ.