ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މާލީ އެހީ 2،000 ރުފިޔާ އިން 5،000 ރުފިޔާއަށް ބޮޑުކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާޙް ހުށަހެޅުމުގެ ބިލް މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި އެ އިސްލާޙް މަޖިލީހުން ބަލައިގަތުމަށް ފާސްވީ 81 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމާ ގުޅިގެން ދިރާސާކުރެއްވުމަށްވަނީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަނަރާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި އެ މީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއިއެކު އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ވެސް އެ މީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާއި ހަމައަށް މީލާދީ ކޮންމެ މަހަކު މަދުވެގެން 5000 ރުފިޔާގެ މާލީ އިނާޔަތެއް ސަރުކާރުން ދޭންވާނެ ކަމަށެވެ.

ބިލް ހުށަހެޅުއްވި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ވިދާޅުވި ގޮތުގައި އެ ބިލް ހުށަހެޅުއްވި މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ އަދި ތަޢުލީމް ހޯދޭނެ ނިޒާމެއް މަގު ފަހިކޮށް ދެއްވުމެވެ.

"... ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭސްފަރުވާ އަށް ދެވޭނެ އުސޫލުތައް އާސަންދައިގެ ތެރެއިން ލިބެން ހުރި ނަމަވެސް އެ އުސޫލުތަކުގެ ތެރެއިން މި ދެންނެވި ފަދަ ފަރާތްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެފަދަ އާއިލާތަކަށް މި ފައިސާ ލިބޭނަމަ، އޭގެ ބޭނުން ކުރައްވައިގެން އެފަދަ މީހުންނަށާއި ކުދިންނަށް ބޭސްފަރުވާ ކުރެވޭނެ،" ބިިލް ހުށަހެޅުއްވި ސަބަބުގެ ގޮތުގައި އެ ބިލުގައި އަނާރާ ވިދާޅުވެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އިނާޔަތް ބޮޑުކޮށް ދިނުމަށް، އުވިގެން ދިޔަ މަޖިލީހަށް، އެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބް ވެސް ބިލެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މަޖިލިސް އުވުނު އިރު އެ ބިލު ފާސްކޮށްފައި ނުވާތީ، އެ މަޖިލީހާއެކު ބިލް ވެސް ވަނީ މަޖިލީހުން ބޭރުވެގެން ގޮސްފަ އެވެ.