އިންޓަރ-ޕާލަމެންޓްރީ ޔޫނިއަންގެ ރާއްޖޭގެ ގޮފީގެ މުގައްރިރަކަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންތިހާބު ކުރައްވައި، ނައިބު މުގައްރިރަކަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިންތިހާބު ކުރައްވައިފި އެވެ.

އައިޕީޔޫގެ ރާއްޖޭގެ ގޮފީގެ އެގްޒެކްޓިވް ކޮމެޓީއަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވަނީ ހޮއްވަވާފަ އެވެ.

މިއަދު ބޭއްވެވި އައިޕީޔޫގެ ރާއްޖޭގެ ގޮފީގެ އާންމު ބައްދަލުވުމުގައި ޙާޒިރުވެވަޑައިގެންނެވި 48 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓުދެއްވައިގެން އެގްޒެކެޓިވް ކޮމިޓީއަށް ހޮވިވަޑައިގެންނެވި މެންބަރުންނަކީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު، ގަމު ދާއިރާ މެންބަރު ފައްޔާޒް އިސްމާއީލް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ހުސައިން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު އެވެ.

ކޮމިޓީގެ ހަޒާންދާރުގެ މަގާމަށް ހޮވިވަޑައިގަތީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

އައި.ޕީ.ޔޫ ނުވަތަ އިންޓަރ-ޕާލަމެންޓްރީ ޔޫނިއަންއަކީ، ދުނިޔޭގެ ޤާނޫނުހަދާ މަޖިލިސްތަކަށް ނިސްބަތްވާ ބައިންއަޤްވާމީ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވެފައި ވަނީ ނޮވެމްބަރު 4، 2004 ގައި މަޖިލީހުން ފާސްކުރެއްވި ޤަރާރަކުންނެވެ.