21 Jul 2014, 15:07
ކ. އަތޮޅު ރަށަކުން ނުކުޅެދޭ ކޮއްކޮއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ކުއްޖާގެ ބޭބެގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް ކޯޓުން އިތުރު ކޮށްދީފި އެވެ.
މި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދީފައިވަނީ 10 ދުވަހަށެވެ.
މިދިޔަ މެއި މަހުގެ 12 ދުވަހު ހައްޔަރުކުރި އެމީހާގެ މުއްދަތު ތިން ފަހަރެއްގެ މަތިން 15 ދުވަހަށް އިތުރުކޮށްފައި ވެއެވެ. އަދި އޭގެ ފަހުން ދެ ފަހަރު ވެސް މުއްދަތު އިތުރުކުރީ 10 ދުވަހަށެވެ.
އެނގިފައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ކުއްޖާއަށް އެ ކުއްޖާގެ އުމުރުން 24 އަހަރުގެ ބޭބެ ޖިންސީ ގޯނާ ކުރަމުން އައިސްފައިވާކަން އެ ކުއްޖާގެ އާއިލާއަށް އެނގިފައި ވަނީ އެ ކުއްޖާގެ ދޮންބައްޕަ ކައިރީ އެ ވާހަކަ ދެއްކުމުންވެ.
އެ ކުއްޖާގެ އާއިލާ އިން ކިޔައިދިން ގޮތުގައި އެކި ފަހަރުގެ މަތިން އެމީހާ ވަނީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ.
އަޑު އެހުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ އުމުން 14 އަހަރުގެ އެ ކުއްޖާ ވަނީ އޭނާއަށް ޖިންސީ ގޯނާކުރި ދުވަސްތައް އޭނާ ގެންގުޅޭ އައިޕެޑެއްގައި ފާހަގަކޮށްފައެވެ.