21 Jul 2014, 14:48
މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 17 ވެއްޓުމުގެ ސަބަބުން މަރުވިމީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވާ ހަށިތައް ހޮލެންޑަށް ގެންދަން ހޮލޭންޑުން ނިންމައިފިއެވެ.
މަރުވި މީހުންގެ ހަށިތައް ތަހުގީގު ކުރުމަށް ހުޅަނގުގެ ބައިވެރިންނާ ހަވާލުކުރަން ޔުކްރޭން ސަރުކާރާއި މަތިންދާބޯޓް ވެއްޓުނު ސަރަހައްދު ކޮންޓްރޯލްކުރާ ހަނގުރާމަވެރިން ވެސް ވަނީ އެއްބަސްވެފައެވެ.
އެކަމާ ގުޅިގެން ހޮލެންޑްގެ ބޮޑުވަޒީރު މާކް ރުޓް ވިދާޅުވެފައި ވަނީ ހަށިތައް ހޮލެންޑަށް ގެންދަވަން ގަސްދުކުރައްވާ ކަމަށެވެ.
ރަޝިޔާގެ ނޫހެއް ކަމަށްވާ ރަޝިޔާ ޓްޑޭ ( އާރްޓީ) ގައި ބުނެފައި ވަނީ ހަށިތައް ހޮލެންޑަށް ގެންދިއުމަށް ރެފްރިޖަރޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ރޭލުތަކެއް މިހާރު އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ހޮލެންޑްގެ އެކްސްޕާޓުން ވެސް މިހާރު އެސަރަހައްދަށް ގޮސް ހަށިތައް ބަލާފައިވާ ކަމަށެވެ. އެތަނަށް މިހާރު ވަޑައިގެން ހުންނެވި ހޮލެންޑްގެ ފޮރެންސިކް އެކްސްޕާޓް ޕީޓަވޭން ވިލެޓް ވިދާޅުވި ކަމަށް އެނޫހުން ބުނީ ހަށިތައް ބަހައްޓާފައި ހުރީ އެކަށީގެންވާ މާހައުލެއްގައި ކަމަށެވެ.
އެމްއެޗް 17 ގެ ކަޅުފޮށި ހަވާލުކުރަން ހަނގުރާމަވެރިންނާ އެކު ރަޝިޔާއިން އެއްބަސް ވެފައި ވަނީ ސީދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުކުރުމަށެވެ.