21 Jul 2014, 14:54
ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ހުރިހާ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އާއި ލެބޯޓަރީތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިމުގެ މަސައްކަތް ސަރުކާރުގެ ވިޔަފާރި ކުރންފުނި އެސްޓީއޯއާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެން ރަޝީދު އެވެ. އެސްޓީއޯގެ ފަރާތުން އެއްބްސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާނެ ސާމާނުތަށް ހުސްނުވެ އެ މަރުކަޒުތަކަށް ފޯރުކޮށް ދެވޭނެކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބައޮތް ކަމަށެވެ. އައިޖީއެމްއެޗަށް ބޭސް ފޯރުކޮށްދިނުމުގެ ތަޖުރިބާއަށް އަލި އަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ލުއިވާނެ ގޮތަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
"ކުރިން އައިޖީއެމްއެޗަށް ބޭސްފަދަ ތަކެތި ފޯރުކޮށްދެމުން އައިސްފައި ވަނީ 250 މިލިއަން ރުފިޔާގެ ބަޖެޓަކުން. ނަމަވެސް މިހާރު އެތަނަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދެމުން މިދަނީ 150 މިލިއަން ރުފިޔާގެ ބަޖެޓަކުން. އެހެންވީމަ ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާ އެބަ ސަލާމަތްވޭ،" އާޒިމް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް ރަޝީދު ވިދާޅުވީ، އަތޮޅުތަކުގައި ހުރި ހޮސްޕިޓަލް ތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި ރަށްރަށުގައި ބޭހުގެ ދަތިކަން ހައްލުކުރުމަށް ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމަށް މީގެ ކުރިން އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި މިފަހަރު ހަވާލުކުރެވުނު މަސައްކަތް ވެސް އެސްޓީއޯއިން ކުރާނެކަމުގެ ޔަގީންކަން އެ މިނިސްޓްރީއަށް އެބައޮތް ކަމަށެވެ.
މެޑިކަލް ކޮންސިއުމަބަލްސް އާއި ލެބޯޓަރީތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު ކުރިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯގެ ތިން ފާމަސީއެއް އަތޮޅުތެރޭގައި މިމަހު ހުޅުވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.