ޔުނައިޓެޑް ނޭޝަންސް (21 ޖުލައި) - އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ވަރުގަދަ އުދުވާނީ ހަމަލާތަކާ ގުޅިގެން ޣައްޒާގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެ، ހަމަލާތަކުގައި މަރުވަމުންދާ އާންމުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާތީ، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ.ގެ ސަލާމާތީ މަޖިލީހުން ގޮވާލައިފި އެވެ.

އުރުދުންގެ އެދުމުގެ މަތިން ރޭ މެންދަމު ސަލާމަތީ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމަށް ހުށަހަޅާފައިވާ ގަރާރުގައި، ޣައްޒާގެ ހާލަތު މިހާރު ވަނީ، ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި ހަނގުރާމަކުރުން ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އެ އޭޖެންސީން ބުނެފައި ވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާ ތަކުގައި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން މަރުވަމުން ދާތީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި "ޣައްޒާއަށް އަރައިގަނެ އެތަން ހިސާރުކޮށްގެން އުޅޭ އިސްރާއީލުގެ ސިފައިން، ޣައްޒާއިން ފޭބުމަށް" ވެސް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވާ ކަމަށެވެ.

ދެހަފުތާ ވަންދެން އިސްރާއީލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި ބިމުގެ މަގުން އިއްޔެ އެކަނި ދިން ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 65 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި ރައްދުގައި ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތަކުގައި އިސްރާއީލު އަސްކަރިއްޔާގެ 13 މީހަކު މަރާލާފައި ވާ އިރު، އިސްރާއީލުގެ ހަމަލާތަކައް ކެތް ނުކުރެވިގެން ޣައްޒާގެ އެތަކެއް ހާސް ރައްޔިތުންނެއް ވަނީ، ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އިސްރާއީލުގެ އަމަލުތައް ހުރިގޮތުން އެގައުގެ ސިފައިން ޣައްޒާގައި ހިންގަމުން ގެންދަނީ "ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް" ގޮތުގައި ސިފަކުރައްވައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫން ވަނީ، ހަނގުރާމައިގައި އާންމުންނަށް ގެއްލުން ނުލިބޭގޮތަށް އަމަލުކުރުމަށް ގޮވާލައްވައިފައެވެ.

ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ އުރުދުންގެ ގަރާރުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، އިސްރާއީލުން ޣައްޒާގެ އެތެރޭގައާއި ބޭރުގައި ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓާލައި، ހިސާރުކޮށްފައިވާ ތަންތަން ދޫކޮށްލައި، ޣައްޒާގެ ޢާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

އުރުދުންގެ ގަރާރާ ބެހޭގޮތުން ވާހަކަ ދައްކާފައި ނުވާ އިރު، ސަލާމަތީ މަޖިލީހުގެ އެކްޓިން ޕްރެޒިޑެންޓް، ރުވާންޑާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އީޖީން ރިޗަޑް ގަސާނާ ނެރުއްވި ބަޔާނެއްގައި ޣައްޒާ ސަރަހައްދުގެ އިންސާނީ ހާލަތު ރަނގަޅު ކުރުމަށާއި، ހަނގުރާމަ ހުއްޓާލުމަށް މިސްރުން މެދުވެރިއެއްގެ ބައި އަދާކޮށްފައި ވާތީ އެކަމަށް މަރުހަބާ ކިޔާފައި ވެއެވެ.

ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ގަރާރު ވަކިގޮތަކަށް ފާސްނުކޮށް ކުއްލިބައްދަލުވުން ނިންމާލާފައި ވާއިރު، ފަލަސްތީނުން ވަނީ އެކާމާ ހިތާމަކުރާ ކަމަށް ބުނެފައެވެ.

"އަހަރެމެން އުންމީދުކޮށްގެން ތިބީ، އަހަރެމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރިކަން ކުއްވެރިކޮށް އެކަމާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރާނޭ ކަމަށް،" ސަލާމަތީ މަޖިލީހުގެ ނިންމުމަކީ އިސްރާއީލުން ވަކިގޮތަކަށް ކިޔަމަންވޭތޯ ބަލަން ކުރާ އިމްތިހާނެއްގެ ގޮތުގައި ސިފަކުރައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފަލަސްތީނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޒު މަންސޫރު ވިދާޅުވި އެވެ.

ކުއްލި ބައްދަލުވުމުގެ ކުރިން މީޑިއާއާ ވަހަކަ ދައްކަމުން މަންސޫރު ވިދާޅުވެފައި ވަނީ، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާންމުތައް، ދުނިޔޭގައި ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމުގެ ޒިންމާ އުފުލާ ސަލާމަތީ މަޖިލީހުން ނުހުއްޓުވައިފި ނަމަ "ދެން އަޅުގަނޑުމެން ދާނީ ކޮންތަނަކަށްތޯ؟" ވިދާޅުވެ ސުވާލުކުރައްވައިފައެވެ.

ރަޝިޔާއިން ކަނޑއަޅާފައި ހުންނަވާ ސަފީރު ވިޓަލީ ޗާރކިން، މަޖިލިސް ދޫކުރައްވައި ބޭރަށް ނުކުމެ ވަޑައިގެން ނޫސްވެރިނަނަށް ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ އެ ބައްދަލުވުމަކީ ބޭކާރު ބައްދަލުވުމެއް ކަމަށެވެ.

"ސަލާމަތީ މަޖިލީސް އޮތީ ވަކިފަރާތަކަށް ޖެހިފައިވާ ގޮތަކަށް. ހަމަ ޔަގީން މިފަދަ ބައްދަލުވުމަކުން އެދެވޭ އެއްވެސް ހައްލެއް ނުލިބޭނެ،" ރަޝިޔާ ސަފީރު ވިދާޅުވި އެވެ.