21 Jul 2014, 14:32
އޮޑިޓާ ޖެނެރަލް އޮޑިޓްކޮށް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުތައް ދިރާސާ ކުރުމަށް ތިން ސަބް ކޮމެޓީއެއް އެކުލަވާލައިފި އެވެ.
އެ ސަބް ކޮމެޓީތައް އެކުލަވާލާފައި ވަނީ މާލިއްޔަތު ކޮމެޓީގައި ތިއްބަވާ 13 މެމްބަރުން ތިން ކޮމެޓީއަކަށް ބަހާލައިގެންނެވެ. އެ ކޮމެޓީތައް އެކުލަވާލައި އެކޮމެޓީއަށް ނަން ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުއެވެ. ކޮމެޓީތައް ފާސްކޮށްފައި ވަނީ މެމްބަރުންގެ އިއްތިފާގުންނެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވީ، މާލިއްޔަތު ކޮމެޓީއަށް މިހާރުވެސް 170 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓް ފޮނުވާފައި އެބަހުރި ކަމަށެވެ. އަދި އެ ރިޕޯޓުތައް ރަނގަޅަށް ބަލައި ދިރާސާ ކުރަންޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
"މި ކޮމެޓީން އޮޑިޓް ރިޕޯޓައް ނުބަލާނަމަ އެކަން ވެގެންދާނީ ވަރަށް ބޮޑު އިހްމާލަކަށް،" ނިހާން ވިދާޅުވި އެވެ.
ނިހާންގެ ވާހަކަތަކަށް ރައް ދުދެއްވުމުގެ ގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރް މޫސާ ވިދާޅުވީ، އޮޑިޓް ރިޕޯޓުތައް ދިރާސާ ކުރެވޭނީ މާލިއްޔަތު ކޮމެޓީއަށް އިތުރު މުވައްޒިފުންތަކެއް ހޯދައިގެން ކަމަށެވެ.
މުގައްރިރު ނިހާން ވިދާޅުވީ، ޓެކްނިކަލް ސްޓާފުން އިތުރުކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދަށް ސިޓީއެއް ފޮނުވުމަށް ނިންމަވާފައި ވާ ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ އިދާރީ މުވައްޒަފުން މިހާރުވެސް ވަނީ ގިނަ އޮޑިޓް ރިޕޯޓްތަކެއްގެ ހުލާސާ ރިޕޯޓްތަކެއް އެކުލަވައިލައިފައެވެ.