ޖޫބާ: ސޫދާނުގެ ދެކުނު ސަރަޙައްދުތަކުގައި ވަކިދައުލަތެއް ޤާއިމްކުރުމާބެހޭ ގޮތުން ކުރިޔަށްގެންދާ ފެންނަ ނުފެންނަ ވޯޓުގެ ކަންތައް އަމާންކަމާއެކީ ކުރިޔަށްދާކަމަށް މިކަމާބެހޭ އދ. ގެ ހައިކޮމިޝަނުން ބުނެފިއެވެ.
މިހައިކޮމިޝަނުގެ ތަރްޖަމާނެއްކަމަށްވާ ނަތާލީ އަތީމް ވިދާޅުވިގޮތުގައި މިއަދަކީ ސޫދާނުގެ ދެކުނުގެ ރައްޔިތުންނަށް އެސަރަޙައްދުގައި ވަކިދައުލަތެއް އުފެއްދުމާބެހޭގޮތުން ކުރިޔަށްގެންދާ ފެންނަ ނުފެންނަ ވޯޓުގެ ކަންތައްތައް ކުރިޔަށްދާ ތިންވަނަ ދުވަހެވެ. މިތިންދުވަހު ވެސް ރައްޔިތުން ވަރަށް ޝައުޤުވެރިކަމާއެކު ވޯޓުލަމުން ގެންދާ ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއިންތިޚާބުގެ ވަގުތީ ނަތީޖާ މިހަފްތާގެ ބަންދުގައި އިޢްލާން ކުރެވޭވަރުވާނެ ކަމަށް އދ. ގެ ހައިކޮމިޝަނުން ބުނެއެވެ. މިއިންތިޚާބުގައި ސޫދާނުގެ ދެކުނަށް ނިސްބަތްވާ ރައްޔިތުންގެ 60 ޕަސެންޓް މީހުން ވޯޓުލާންޖެހޭނެއެވެ. އަދި ވަކިދައުލަތެއް އުފައްދައި ސޫދާން ބައިކޮށްލެވޭނީ ވޯޓުދޭ މީހުންގެ ތެރެއިން 51 ޕަސެންޓް މީހުން ވަކިދައުލަތެއް އުފައްދަން ފެންނަކަމަށް ވޯޓު ދީފައިވާ ނަމައެވެ.
ސުދާނަކީ ޢަރަބި އިސްލާމީ ޤައުމަކަށްވާތީ އެޤައުމު ބައިކޮށްލުމުގެ ފަހަތުގައި ހުޅަނގުގެ ރޭވުންތައް ވަރަށް ބޮޑުކަމަށް އެޤައުމުގެ އުތުރުގެ ޢަރަބި ދަރިކޮޅުގެ މީހުން ދެކެއެވެ. ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ޙަރަކާތްތައް ސޫދާންގެ އިތުރުން ދުނިޔޭގެ އެތަށް ޤައުމެއްގައި ކުރިޔަށްދިޔަނަމަވެސް އދ. ވަދެގެން އެޤައުމެއް ބައިކޮށްލަން މިގޮތަށް މަސައްކަތްކޮށްފައިނުވާކަމަށް ސޫދާނުން ބުނެއެވެ. ސުދާނުގެ ސަރުކާރުން މިކަމަށް އެއްބާރުލުން ދެމުން ގެންދަނީ ހުޅަނގުގެ ފިއްތުންތަކާގުޅިގެން މަޖްބޫރީ ހާލަތުގައި ކަމަށް ޚަބަރުތައް ބުނެއެވެ. ސުދާނުގެ ދެކުނުގެ އާބާދީގެ ގާތްގަނޑަކަށް 85 ޕަސެންޓަކީ ޣައިރު މުސްލިމުންނެވެ. މީގެތެރޭގައި ގިނައީ ނަސަރާއިންނެވެ. އަދި ސޫދާންގެ އުތުރުގެ އާބާދީގެ 90 ޕަސެންޓަކީ އަކީ މުސްލިމުންނެވެ.