21 Jul 2014, 14:11
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި، ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކު ގޭބަންދަށް ބަދަލުކޮށްފި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ތިން މީހުންގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އުމުރުން 50 އަހަރުގެ މީހާއާއި އުމުރުން 52 އަހަރުގެ މީހާ ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ޖަހައިދީފައެވެ.
އަދި އެމީހުންގެ ތެރޭ ހިމެނޭ 26 އަހަރުގެ މީހާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.
"ސަން"އަށް މައުލުމާތު ލިބިފައިވާ ގޮތުގައި އެމީހާ ގޭ ބަންދަށް ބަދަލު ކޮށްފައި ވަނީ 26 އަހަރުގެ މީހާގެ ދެ އިނގިއްޔެއް އައްސިވާ ކަމަށް، އޭނާގެ ދިފާއީ ވަކީލު ބުނުމާއި ގުޅިގެންނެވެ. އަދި ގާޒީ އޭނާ ގޭބަންދަށް ބަދަލު ކޮށްފައިވަނީ އެއްވެސް މެޑިކަލް ރިޕޯޓަކަށް ވެސް ނުބަލައެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅުގެ ފަސް ކޮތަޅާ އެކު އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން މއ. ވާދޫގެ ބަލައި ފާސްކުރުމަށްފަހު އެވެ.
އެމީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 480،000 ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.