ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ސަރުކާރުގެ އިލެކްޓްރިކް ކުންފުނި ސްޓޭޓް އިލިކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) ގެ މުއްދަތު އިތުރުކުރަން ހަތަރު ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސްޓެލްކޯގެ 50 މިލިއަން ރުފިޔާގެ އޯޑީގެ މުއްދަތު އިތުރު ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 80 މެންބަރުންނެވެ. އެހެން ކަމުން އޯޑީ އިތުރުކޮށް ދިނުމަށް ފާސްވީ އިްތިފާގުންނެވެ.

ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ސަރުކާރުގެ އިލެކްޓްރިކް ކުންފުނި ސްޓޭޓް އިލިކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯޑީ ގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.

އެ ލޯނަށް ސަރުކާރުން ފުރަތަމަ ގެރެންޓީ ދީފައި ވަނީ ސެޕްޓެންބަރު 1، 2009ގައި މަޖިލީހުން ފާސްކޮށްގެންނެވެ. ނަމަވެސް އެ ގެރެންޓީގެ މުއްދަތު މިދިޔަ އަހަރުގެ މާޗް 31 އަށް ހަމަވުމުން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހަޅުއްވައިގެން މަޖިލީހުން ވަނީ އެ ލޯނުގެ ގެރެންޓީ މިއަހަރުގެ 31 އިތުރުކޮށްފަ އެވެ.

މަޖިލީހުން ދީފައިވާ މުއްދަތު ފަހަނައަޅައިފައި ވާތީ، އެ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ ނިމިދިޔަ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ރައީސް ޔާމިންގެ ހުށަހެޅުމަށް ގޮތެއް ނުނިމިވަނިކޮށް، އެ މަޖިލީހުގެ ދައުރު ހަމަވީ އެވެ.

ސެޓެލްކޯގެ 50 މިލިއަން ރުފިޔާގެ އޯޑީގެ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ރައީސް ޔާމިން ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ހުށަހެޅީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ.

އެ ލޯންގެ މުއްދަތު އިތުރު ކުރުމަށް ކޮމެޓީ މަރުހަލާގައި ހުށަހަޅާފައި ވަނީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. އެ ހުށަހެޅުއްއްވުމަށް ތާއިދު ކުރެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ.

ކޮމެޓީ މަރުހަލާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް އޯޑީ ދޭންޖެހޭ ސަބަބަކީ ކަރަންޓަކީ އަސާސީ ބޭނުމަކަށް ވުން ކަމަށެވެ. އަދި ސްޓެލްކޯ ހިނގަމުންދާގޮތާއި މެދު ކަންބޮޑުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.