އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ރުުން ހޯދުމަށް ފޮނުއްވި މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (އަޒީ) އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ފެންނަ ކަަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަޒީ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 60 މެންބަރުންނެވެ. އަދި ނުފެންނަ ކަަމަށް 19 މެންބަރުން ވޯޓް ދެއްވިއިރު ވަކި ކޮޅަކަށް ވޯޓް ނުދެއްވައި ދެ މެންބަރުން ތިއްބެވި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ ބައްދަލުވުމުގައި އަޒީ އެ މާގާމަށް އައްޔަން ކުރަން ފާސްވެފައި ވަނީ ކޮމެޓީން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް އަޒީއަށް މާކްސް ލިބިވަޑައިގެންފައި ވާތީ އެވެ. އެގޮތުން 88.1 ޕަސެންޓް މާކްސް އަޒީއަށް ލިބިވަޑައިގެންނެވި އެވެ. ފާސް ވުމަށް ބޭނުންވަނީ 75 ޕަސެންޓް މާކްސް އެވެ.

"އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުއާ ކޮމެޓީން އިންޓަވިއުކުރެއްވުމަށްފަހު ކޮމެޓީގެ މެންބަރުން މާކްސް ދެއްވުމުން އެބޭފުޅާއަށް 75 އިންސައްތަ އަށްވުރެން މަތިން މާކްސް ލިބިވަޑައިގެންފައި ވާތީ އެ ބޭފުޅާއަކީ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަަމަށް ކޮމެޓީން ނިންމައިފީމެވެ." ކޮމެޓީގެ ނިންމުމުގައި ވެއެވެ.

މިމަހު އަމަލު ކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 44 ވަނަ މާއްދާ ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަކު ހުންނަން ޖެހޭނެ އެވެ. އެގޮތުން މިމަހުގެ ތެރޭގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް އުފައްދައިފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ ކަމަށެވެ. ގާނޫނު ބުނާ ގޮތުން މަޖިލީހަށް ރައީސް އެންޑޯޒް ކުރާ ނަމެއް ފިޔަވައި، އެ މަގާމަށް ކުރިމަތިލާ އެހެން މީހެއްވެސް އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރެވިދާނެ ކަމަށެވެ.