21 Jul 2014, 13:39
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިނަށް އައްޔަން ކުރަން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފި އެވެ.
މުހުތާޒު ޕީޖީގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ފާސްވީ 62 މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އޭނާ ޕީޖީގެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި 12 މެމްބަރަކު މަޖިލީހުގެ ތަޅުމުގައި އިންނެވި އެވެ.
މައުމޫން ހަމީދާއި މުހުތާޒަށް ރުހުން ނުދޭން ފެންނަ ކަމަށް ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަށް މިއަދު ވަނީ މަޖިލީހަށް އިއްވާފަ އެވެ. އެ ބޭފުޅުންނަށް ރުހުން ނުދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކުރީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައި ނުގެންނެވުމުންނެވެ. ކޮމެޓީން މުހުތާޒަށް ލިބިވަޑައިގެންނެވީ 67 ޕަސެންޓް މާކުހެވެ. އަދި މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 ޕަސެންޓް މާކުހެވެ.
ޕީޖީގެ މަގާމަށް މުހުތާޒު އައްޔަން ކުރަން ފާސްވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަންފުޅަށް ވޯޓައް އައްސަވާފައެއް ނުވެއެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މުހުތާޒު ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފަ އެވެ. އެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އިން ވެސް ވަނީ ނިންމާފަ އެވެ.
އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ މައުމޫން ހަމީދަށް ވޯޓު ނުދިނުމަށެވެ. ނަމަވެސް މުހުތާޒަށް ވޯޓު ދިނުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި އެ ޕާޓީން ވަނީ ނިންމާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ޕީޖީ އަކު ހޮވުމަށް ނަގާ ވޯޓުގައި ބައިވެރިނުވުމަށެވެ.