21 Jul 2014, 13:29
ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަމުން ދަނިކޮށް، ވޯލްޑް ކަޕް ތައްޓަށް ގެއްލުމެއް ލިބިފައިވާ ކަމަށް ޖަރުމަނު ފުޓްބޯލް އެސޯސިއޭޝަނު (ޑީއެފްބީ) އިން ބުނެފި އެވެ.
ޔޯކިމް ލޯގެ އިރުޝާދުގެ ދަށުން ކުޅުނު ޖަރުމަނު ޓީމަށް ވޯލްޑް ކަޕު ޗެމްޕިއަންކަން ލިބުނީ ފައިނަލުގައި އާޖެންޓީނާ އަތުން 1-0 ލަނޑުން މޮޅުވެގެންނެވެ. މި މަހު ނިމިގެންދިޔަ ވޯލްޑް ކަޕަކީ ޖަރުމަނަށް ލިބުނު ހަތަރު ވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރީ 1954، 1974 އަދި 1990 ވަނަ އަހަރެވެ.
މުބާރާތް ނިންމާލުމަށްފަހު، ވޯލްޑް ކަޕް ތައްޓާއެކު ޖަރުމަނަށް ދިއުމުން އެ ގައުމުގެ ރައްޔިތުން ވަނީ އެ ޓީމަށް ބޮޑު މަރުހަބާއެއް ކިޔައިފަ އެވެ. އެ ޓީމުގެ އުފާފާޅު ކުރުންތަކުގައި ވޯލްޑް ކަޕުގެ ތައްޓަށް ގެއްލުމެއް ލިބުނު ނަމަވެސް، އެ ގެއްލުން ލިބުނީ ކޮން ކުޅުންތެރިއެއްގެ އަތުން ކަމެއް ޑީއެފްބީއަށް އެނގިފައެއް ނުވެއެވެ.
"ވޯލްޑް ކަޕް ޓްރޮފީގެ ކުޑަ އެތިކޮޅެއް ވަނީ ނައްޓައިގެން ގޮސްފައި،" 'ޑައި ވެލްޓް'އަށް ދިން އިންޓަވިއުއެއްގައި ޑީއެފްބީގެ ރައީސް ވުލްފްގޭންގް ނިއާސްބަޝް ބުންޏެވެ. "މިކަމާމެދު ހާސްނުވޭ! ތަޖުރިބާކާރުންތަކެއް ލައްވައި އެކަން ހައްލުކުރަން އަހަރެމެން އެބަ މަސައްކަތްކުރަން. މި ގެއްލުން ލިބުނީ ކިހަނަކުންތޯ ބެލުމަށް އަހަރެމެން ތަހުގީގެއް ކުރިއަށް ގެންދިޔައިން. ނަމަވެސް އެ ތަހުގީގުން އެއްވެސް ނަތީޖާއެއް ނުފެނުނު."
ވޯލްޑް ކަޕުގެ ފައިނަލަށް ފަހު، ޖަރުމަނާ ހަވާލުކުރި ޓްރޮފީއަކީ ވޯލްޑް ކަޕް ޓްރޮފީގެ ކޮޕީއެކެވެ. ޖަރުމަނު ކުޅުންތެރިން އަތުން ގެއްލުންވި ޓްރޮފީގެ އަގަކީ ގާތްގަނޑަކަށް 10 މިލިއަން ޔޫރޯ އެވެ.
ބްރެޒިލްއަށް 1983 ވަނަ އަހަރު ލިބުނު ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީ، ޖޫލްސް ރިމޭ ޓްރޮފީ، ވަގުންތަކެއް ވަގަށް ނެގުމުން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ފީފާއިން ކުރަމުންދިޔަ އިތުބާރު ވަނީ ގެއްލިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ފީފާއިން ޗެމްޕިއަން ޓީމުތަކަށް ދެނީ ވޯލްޑް ކަޕްގެ އޮރިޖިނަލު ޓްރޮފީގެ ބަދަލުގައި އެ ޓްރޮފީގެ ކޮޕީއެކެވެ.