21 Jul 2014, 13:19
އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެގައުމާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމެއް އުވާލާފައި ވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، އިސްރާއީލުން ރާއްޖެއަށް އެތެރެ ކުރާ ތަކެތީގެ ސީދާ ޕަސެންޓޭޖެއް ނޭނގޭ ކަމަށާއި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެ ކުރާ ތަކެތި ނިސްބަތުން މަދު ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރުމަށް އިސްރާއީލުގެ އިންވެސްޓަރުން މުހިއްމު ނޫން ކަަމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް މުހިއްމުވާނީ އިންސާނީ ހައްުގުތަކަށް ބޯލަނބާ ގައުމުތަށް ކަމަށްވެސް މުންދު ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެެ ސަރުކާރުން އިޒްރޭލާ އެކު ހަދާފައިވާ ތިން އެއްބަސްވުމެއް މިހާރު އުވާލާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ ފެންވަރުން މާލީ ގޮތުންނާއި މާއްދީ ގޮތުން އެހީތެރިކަަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، ކުރީއްސުރެން ވެސް ބައެއް ގައުމުތަކުން އިސްރާއީލުގެ ތަކެތި ބޮއިކަޓް ކުރަމުންދާ ކަމަށާއި އަދި މިހާރު އިތުރަށް އެ ގައުމުގެ ތަކެތި ބޮއިކޮޓް ކުރުން ގޮވާލަމުންދާ ކަމަށެވެ.
އިސްރާއީލުގެ އުފެއްދުންތައް ގައުމުތަކަށް އެތެރެކުރުން މަނާކުރުމަށް ގަޮވާލަމުން ދާތީ އެއިސްރާއީލު ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވާ ކަމަށާއި އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުން އިތުރުވަމުން އަންނަ ނަމަ އެކަމުން އެގައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.