21 Jul 2014, 13:20
ހަނި އަގުލަބިއްޔަތަކާއެކު ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ދިނުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ފާސްކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޝަކީލާއަށް ރުހުން ދޭން ފެންނަ ކަމަށް، ވޯޓަށް އެހުމުން އެކަމަނާއާ އެއްކޮޅަށް އަދި ދެކޮޅަށް ދެއްވި ވޯޓު ވަނީ އެއްވަރުވެފަ އެވެ. ވޯޓު އެއްވަރުވުމުން ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވޯޓު ދެއްވައިގެން ޝަކީލާއަށް ވަނީ ކޮމެޓީން ރުހުން ލިބިފަ އެވެ.
މަޖިލީހުގެ ކޮމެޓީތަކުގައި ނަގާ ވޯޓުގައި ކޮމެޓީގެ މުގައްރިރަކަށް ބައިވެރިއެއް ނުވެ އެވެ. އޭނާއަށް ކޮމެޓީގެ ވޯޓުގައި ބައިވެރިވެވޭ ހަމައެކަނި ހާލަތަކީ ވޯޓު އެއްވަރުވުމުންނެވެ.
މަޖިލީހުގެ ކޮމެޓީތަކުގައި ނަގާ ވޯޓުގައި ކޮމެޓީގެ މުގައްރިރަކަށް އާންމުކޮށް ބައިވެރިއެއް ނުވެ އެވެ. އޭނާއަށް ކޮމެޓީގެ ވޯޓުގައި ބައިވެރިވެވޭ ހަމައެކަނި ހާލަތަކީ ވޯޓު އެއްވަރުވާ ހާލަތުގަ އެވެ.
ޝަކީލާއަށް ރުހުން ދޭން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންވާ ދިއްދޫ ދާއިރާ މެމްބަރު، އަބްދުލް ލަތީފް މުހައްމަދު ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
ޝަކީލާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު، ޖައުފަރު ދާއޫދާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ އިތުރުން ކޮމެޓީގެ މުގައްރިރު، ރިޔާޒް ރަޝީދެވެ.
ރުހުން ދޭން ނުފެން ކަމަށް ވޯޓު ދެއްވާފައި ވަނީ ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރާއި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދަނގެތި ދާއިރާގެ ޖޭޕީގެ މެމްބަރު އިލްހާމް މުހައްމަދު ވަނީ ކޮމެޓީގެ ބައްދަލުވުގައި ބައިވެރިވަޑައިގެންނެވި ނަމަވެސް ވޯޓު ނެގުމާ ކައިރިވެފައިވަނިކޮން ކޮމެޓީ ދޫކުރައްވާ ވަޑައިގެންފަ އެވެ.
ވަޒީރުނަށް ރުހުން ދިނުމަށް ހުށަހެޅޭ މައްސަލަތަކުގައި އިންޓަވިއު ކުރުމަށް ވަޒީރުން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ރިޔާސަތުން ވަނީ އަންގާފަ އެވެ. އަދި އެކަމާއި ގުޅިގެން ކޮމެޓީގެ މެމްބަރުން ވަނީ ސުޕްރީމް ކޯޓުން ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.