ބެއިޖިންގ : އުތުރުކޮރެޔާ މިހާރު ކުރިޔަށްގެންދާގޮތަށް މިސައިލް ޓެކްނޮލޮޖީ ތަރައްޤީ ކުރަމުން ގެންދާނަމަ ކުރިޔަށްއޮތް ފަސްއަހަރުތެރޭގައި ދުނިޔޭގެ ބޮޑެތި ބައްރުތައް ހުރަސްކުރުމުގެ ޤާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުތުރުކޮރެޔާއިން އުފައްދާނެކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ބެއިޖިންގް ގައި ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ އުތުރުކޮރެޔާގެ މިސައިލް ޕްރޮގްރާމްގެ ނުރައްކާ ދެކުނު ކޮރެޔާ، ޖަޕާން އަދި އެމެރިކާއަށް ފޯރަމުންދާ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ ކުރިޔަށްއޮތް ފަސް އަހަރުތެރޭގައި އެމެރިކާގެ އިރުމަތީ އައްސޭރިފަށަށް އުތުރުކޮރެޔާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް ޙަމަލާއެއް އައުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. އުތުރުކޮރެޔާއަކީ ނިއުކްލިޔަ ބާރަކަށްވާތީ އެޤައުމުގެ މިސައިލް ޕްރޮގްރާމްގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާ ކަމަށްވެސް ގޭޓްސް ވިދާޅުވިއެވެ.
އަނެއްކޮޅުން ސުލްޙައަށް މަސައްކަތްކުރާ ދެކުނު ކޮރެޔާގެ އެކްޓިވިސްޓުންގެ ބަޔަކުވަނީ ކޮރެޔަން ޕެނިންސިއުލާގައި ހަމަނުޖެހުން އުފައްދައި ދެކޮރެޔާގެ ދުޝްމަންކޮށްގެން އެކަމުގެ ނާޖާއިޒުފައިދާ ނަގަމުންދާކަމުގެ ތުހުމަތު އެމެރިކާއާއި ޖަޕާނުގެ މައްޗަށް ކޮށްފައެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެކުނު ކޮރެޔާގެ ސޯލަށް ގޭޓްސް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލި ސުލްހައިގެ އެކްޓިވިސްޓުންގެ ބަޔަކު ބުނީ ދެކޮރެޔާގެ މަސްރަޙް ހޫނުކުރަނީ އެމެރިކާއާއި ޖަޕާނުންކަމަށާއި މިދެޤައުމަކީ އަމިއްލަ އެދުމުގައި ދެކޮރެޔާގެ މައްސަލަތަކުގެ ތެރެއަށް ވަދެގަނެގެން އުޅޭ ބޭރުގެ ދެބާރުކަމުގައެވެ. އުތުރުކޮރެޔާއާ ދިމާކުރުމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ނުދިނުމަށް މިޖަމާއަތުގެ އެކްޓިވިސްޓުން ދެކުނު ކޮރެޔާއަށް ގޮވާލާފައިވެއެވެ.

ދެކޮރެޔާގެ މައްސަލަ ޙައްލު ނުކުރެވިގެން އުޅެނީ އެމެރިކާއިން ދެކުނު ކޮރެޔާގައި ޢަސްކަރީ ބޭސްތައް ބިނާކޮށް 40 ހާހަށްވުރެ ގިނަ އެމެރިކާ ސިފައިން ދެކުނު ކޮރެޔާގައި ރުކުރުވާލާފައިވާތީ ކަމަށް އުތުރު ކޮރެޔާ ބުނެއެވެ.