21 Jul 2014, 13:16
މާލެއިން ފުރައިގެން މީހުންނާއި މުދާ އަރުވައިގެން ހދ. ކުމުންދޫއަށް ދިޔަ ބޯޓެއް ނެރު މައްޗަށް އަރައިފި އެވެ.
ނެރު މައްޗަށް އެރި ކުމުންދޫ "ނަސްރު" ބޯޓުގެ ވެރިފަރާތް، އަބުދުލް ގައްޔޫމް އަބުދުލް ކަރީމް ބުނީ އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އަދި ބޯޓުގައި ހުރި މުދަލަކަށް ވެސް ގެއްލުމެއްވެފައި ނުވާ ކަމަށެވެ.
އިއްޔެ 11:30ގައި މާލެއިން ފުރައިގެން ކުމުންދޫއަށް ދިޔަ ނަސްރު ބޯޓު ނެރަށް އަރާފައި ވަނީ ކަނޑިންމައިން ވަންނަން އުޅުނު ވަގުތު ޖެހި ރާޅަކާ އެކު ކަމަށް ގައްޔޫމް ބުންޏެވެ. އޭނާ ބުނީ އެ ހާދިސާގައި ބޯޓު ކަނޑިންމައިގެ ފައިކަށްޓަކަށް އަރައި ފަށަން ދަށުން ފެން އަރާ ދިޔަވުން ފިޔަވައި އިތުރު ގެއްލުމެއް ވެފައިނުވާ ކަމަށެވެ.
"މިއީ މިރަށުގައި އާންމު ކަމެއް. ވަރަށް ގިނައިން މިކަން ތަކުރާރު ވަމުން އެބަދޭ. ފަޅު ހަދާފައި އޮންނައިރު ބޭރުފައިކަށި ނުޖަހާ އޮންނާތީ މިހެން މި ދިމާވަނީ،" ގައްޔޫމް ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިން ވެސް ހަ ބޯޓެއް ނެރު މައްޗަށް އަރައި ހަތަރު ބޯޓެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާއިރު، ދެ ބޯޓެއް އަލުން ހެދުމަށްފަހު ބޭނުން ކުރަމުން އަންނަ ކަމަށެވެ.