21 Jul 2014, 12:41
މީހަކު ގައިގައި ކާރަކުން ޖައްސާފައި ފިލަން އުޅުނު ޑްރައިވަރަކު މާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މެންދަމު 3:10 އެހައިކަންހާއިރު ބުރުޒުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ކާރަކުން ޖެހި އެކްސިޑެންޓް ހިނގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ޑްރައިވަރު ހައްޔަރުކޮއްފައިވާ ކަމަށެވެ. އަދި ކާރުގައި އިން ޑްރައިވަރުގެ އަތުގައި ލައިސަންސް ނެތްކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މަންޒަރު ދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި ކާރުން ޖެއްސުމުގެ ސަބަބުން ސައިކަލް ދުއްވަން އިން މީހާ އަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވި ކާރު މިހާރު ފުލުހުން ޓޯ ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ބުރުޒުމަގު ކޮފީ ކޯނާ ކައިރީ ޕާކްކޮއްފައި ހުރި ގިނަ ސައިކަލު ތަކަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.
އޭގެ އިތުރުން ރޭގެ ވަގުތެއްގައި ވަރަށް ގިނަ ސައިކަލު ތަކެއްގައި ކަޓަރު އަޅާފައިވާ އިރު އެކަމުގެ ތުހުމަތު ވެސް ކުރަނީ މީހަކު ގައިގައި ކާރުން ޖައްސާފައިވާ ޑްރައިވަރަށެވެ.