21 Jul 2014, 12:26
ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށް ހަމަޖައްސާފައި އޮންނަ ފެރީ އެ އަތޮޅު ކުމުންދޫއަށް ނުދާތާ އެއްމަސް ދުވަސްވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު މިއަދު ވިދާޅުވީ އެއަތޮޅުގެ ހުރިހާ ރަށަކަށް ވެސް ދަތުރުކުރަން ހަމަޖެހިފައިވާ ފެރީ މީގެކުރިން އެރަށަށް ކައިރި ކުރާ ކަމަށާއި ނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރު ފެރީ ކައިރިނުކުރާ ކަމަށެވެ. އެގޮތަށް އަމަލުކުރަނީ މޫސުން ގޯސްވާ ދުވަސް ދުވަހު އެރަށު ފަޅަށް ވަންނަން އުނދަގޫވާތީ ކަމަށާއި ނަމަވެސް މޫސުން ރަނގަޅު ދުވަސްތަކުގައި ވެސް މިހާރު ފެރީ އެރަށަށް ކައިރި ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަނޑުގަދަވެ އޮއިބާރު ދުވަސްވަރު ފެރީ ނުވަދެ ދޭ. އެހެން ނަމަވެސް މިހާރު ކަނޑު މަޑު ދުވަސްތަކުގައިވެސް ފެރީ މި ރަށަށް ނުވަދެ ދާކަން ފާހަގަ ކުރެވޭ. އޭގެ ސަބަބުން އެކި އެކި ޚިދުމަތް ހޯދަން މިރަށުން ކުޅުދުއްފުއްޓަށްދާ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވޭ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަތޮޅުގެ ފަސް ރަށަށް ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ "އެއާޕޯޓް ފެރީ އޮޕަރޭޓިން އެސޯސިއޭޝަން" ނަމަކަށް ކިޔާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަތޮޅު ކައުންސިލްގެ އިދާރާއިން ކޮންމެ މަހަކު އެ ކުންފުންޏަށް ފައިސާ ދެމުން އަންނަ ކަމަށެވެ. އަދި އެފައިސާ ދެމުން އަންނަނީ ކުމުންދޫއަށް ވެސް ފޭރީގެ ދަތުރުތައް ކުރުމަށް އެމީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވާތީ އެކަމަށް ވެސް ރިއާޔަތްކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުމުންދޫ ގިނަ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަނީ ސިއްހީ ފަރުވާ ހޯދުމަށާއި ދަނޑުވެރިން ވިޔަފާރިކުރުމަށާއި ބޭންކުގެ ޚިދުމަތް ހޯދުމަށެވެ.
"މި ރަށުގެ ގިނަ މީހުން ދާނެ ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް. އަދި ދަނޑުވެރިން ވެސް އެމީހުން ހެއްދި އެތިކޮޅު ވިއްކާލުމަށް ކުޅުދުއްފުއްޓަށް ދާނެ. އޭގެ އިތުރުން ބޭންކުގެ ޚިދުމަތް ހޯދުމަށްވެސް ދާނެ. އެހެންވީމަ އަސްލު ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި މި ވަނީ،" އަމީން ވިދާޅުވި އެވެ.
އެއާޕޯޓް ފެރީ އޮޕަރޭޓިން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ކުމުންދޫ ފަޅަށް ވަނުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭތީ އެރަށަށް ދިޔުމަށް ފެރީގެ ފަޅުވެރިނަށް ނުކުރޭ ކަމަށެވެ.
"ކުމުންދޫ ފަޅަށް ވަނުމުގައި ވަރަށް އުނދަގޫތަކާއި ކުރިމަތިވޭ. އެހެން ވީމަ ނޯވޭ ފަޅުވެރިން ވަނުމަށް ދެކޮޅު ހަދާތީ ފެރީ ވަދޭވޭކަށް. އަޅުގަނޑުމެނަށްވެސް ގަދަކަމުން ކިހިނެތް އެމީހުން [ފަޅުވެރިން]ލައްވާ އެ ފަޅަށް ވައްދާނީ،" އޮފިޝަލު ވިދާޅުވި އެވެ.
ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެރަށާއި ކުޅުދިއްފުއްޓާ ދެމެދު އަމިއްލަ ފަރާތަކުން ވެސް ޚިދުމަތް ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފެރީ ފަރަށް އެރުމާއި ގުޅުގެން މިހާރު އޮންނަނީ އެހެލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.