21 Jul 2014, 12:14
ބާރަ ރަށެއްގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރު މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލާ ގުޅުވައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ 114 ރަށެއްގައި ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 67 ރަށެއްގައި ވަރަށް ބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 12 ރަށެއްގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އެ މަސައްކަތް ނިމުމުން އެރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ރަށްގިރުމުގެ މައްސަލަ ހައްލު ކުރެވިގެންދާއިރު 25000 އަށްވުރެ ގިނަ މީހުންނަށް ރަށްގިރުމާއި އުދައެރުމުން ދިމާވާ މައްސަލަތަކުން ރައްކާތެރި ކުރެވި ހިމާޔަތް ދެވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ މިއަހަރު ހައްލުކުރުމަށް ނިންމާފައިވާ 12 ރަށުގެ ތެރެއިން 11 ރަށެއްގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ހުރިހާ ހޭދައެއް ވެސް ކުރާނީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އަދި އެ 11 ރަށުގެ ތެރެއިން 10 ރަށެއްގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރަންހަމަޖެހިފައި ވަނީ ޕީއެސްއައިޕީގެ ދަށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރު ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ނިންމާފައިވާ 12 ރަށުގެ ތެރެއިން އެއް ރަށުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.