ޣައްޒާ (ޖުލައި 21): އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު އުދުވާނާއި ހަނގުރާމައިގެ ޖަރީމާތަކުގައި ފާއިތުވި 13 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 440 މީހުން ޝަހީދުކޮށްލާފައި ވާއިރު އިއްޔެ އެކަނި ވެސް ފަލަސްތީނުގެ 102 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ދާއިރާތަކުން ބުނެފި އެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވީ، އިސްރާއީލުގެ އުދުވާން ބޮޑަށް އަމާޒުކުރަނީ ފަލަސްތީނުގެ ކުޑަކުދިންނަށް ކަމަށާއި ފާއިތުވި 13 ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ 440 މީހުންގެ ތެރޭގައި 110 ކުޑަކުދިންނާއި 60 އަންހެނުންނާއި 40 މުސްކުޅިން ހިމެނޭ ކަމުގައެވެ.

އިސްރާއީލުން ވަނީ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގެ ހަމަލާތަކުގައި އިސްރާއީލުގެ 13 މީހުން މަރުވިކަމަށް އިއްޔެ އެއްބަސްވެފައެވެ. އަނެއްކޮޅުން ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ރޭ ހާރުދަމުގެ ވަގުތުގައި ޣާއްޒާގެ ރަފްހުގައި ބަދަލުކުރި ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކު މަރާލިކަން ހާމަކޮށްފައެވެ. އަދި ހަމާސުން ވަނީ ރޭ މެންދަމުގެ ވަގުތެއްގައި އިސްރާއީލު ސިފައިންގެ މީހަކު އަސީރުކޮށް އޭނާގެ ނަމާއި އަސްކަރީ ނަންބަރުވެސް މީޑިޔާއަށް ހާމަކޮށްފައެވެ. ނަމަވެސް މި ދެ ހާދިސާއާ ބެހޭގޮތުން އިސްރާއީލުން އަދި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގެ ޙަމަލާތަކުގައި އިސްރާއީލުގެ 13 މީހުން މަރުވިކަމަށް އިސްރާއީލުން އެއްބަސްވީ ވެސް ހަމާސުން އެކަން ހާމަކުރިތާ އެއްދުވަސްފަހުންނެވެ.

އެމެރިކާއަށް ލިބިފައިވާ ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ވެސް ފަލަސްތީނުގެ އެންމެ ޖަމާއަތެއްގެ މައްޗަށް އިސްރާއީލަށް ކާމިޔާބު ނުހޯދޭ މައްސަލައިގައި އިސްރާއީލުގެ އާންމުންގެ އިތުބާރު، ޔަހޫދީ ސިފައިންގެ މައްޗަށް ކުޑަވަމުންދާ ކަމަށާއި އެއްގަމު ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވަމުންދާނަމަ އެކަމަށް ކެތްކޮށްލުމަކީ މައިގަނޑު ގޮތެއްގައި މުސްކުޅި އާބާދީއެއް ހިމެނޭ އިސްރާއީލަށް ކެތްކުރެވޭނެ ކަމެއް ނޫންކަމަށް އަސްކަރީ ތަޖްރިބަކާރުން ދެކެއެވެ. (އަލްޖަޒީރާ)