ވޮޝިންޓަން (ޖުލައި 21): ޔުކްރޭންގެ މަތިން އުދުހެނިކޮށް މެލޭޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވައްޓާލި ހާދިސާގައި ރަޝިޔާގެ އަތެއް ވާކަމުގެ ހެކިތައް ލިބެމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީ ވާހަކަ ދައްކަވައިފި އެވެ.

އެމެރިކާގެ އެންބީސީ. ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ކެރީ ވިދާޅުވީ، ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަކީ ރަޝިޔާގެ ތާއީދާއި މަދަދު ލިބޭ ބައެއް ކަމަށާއި އެމީހުންގެ ސުލޫކާއި އަމަލުތައް ހުންނަނީ އަޖައިބުވާފަދަ ގޮތަކަށް ކަމުގައެވެ.

ޔުކްރޭންގެ މަތިން އުދުހެނިކޮށް މެލޭޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވެއްޓުނީ ރޮކެޓް ހަމަލާއަކުން ކަމަށް ބެލެވިފައި ވާއިރު މިއީ ޔުކްރޭން ސިފައިންގެ ހަމަލާއެއްކަން ނޫނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަމަލާއެއްކަން ސާފުވެފައެއް ނުވެއެވެ.

މި ކާރިސާ ތަހުގީގުކުރާ ޓީމުގެ މެންބަރުންނަށް ހުރަސްއެޅުމަށް ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން މަސައްކަތް ކުރަމުން ގެންދާކަމަށް ޔޫރަޕިޔަން އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަނުންނާއި ހުޅަނގުގެ މަދަދު ލިބޭ ޔުކްރޭންގެ ރައީސް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވީ ވައްޓާލާފައި ވާ މަތިންދާބޯޓުގެ ފަސިންޖަރުންގެ މަރުވެފައިވާ ހަށިތައް އެއްކޮށް އެހަށިތައް ލޮރީތަކަށް އަރުވައިގެން ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން އެކި ތަންތަނަށް ގެންދަނީ ރާބޮއިގެން މަސްތުވެފައިވާ ހާލުގައި ތިބެގެން ކަމަށާއި ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ މިފަދަ އަމަލުތަކުގެ ޒިންމާ އުފުލާން ޖެހޭނީ ރަޝިޔާއިން ކަމުގައެވެ.

މެލޭޝިޔާގެ މަތިންދާބޯޓު ވައްޓާލި ކަމުގެ ތުހުމަތު، ރަޝިޔާގެ ބޮލުގައި އެޅުވޭތޯ އެމެރިކާ މަސައްކަތް ކުރަމުން ގެންދާއިރު އެމެރިކާއަކީ 1987 ވަނަ އަހަރު ގަލްފުގެ ސަރަހައްދުގެ މަތިން އީރާނުގެ ފަސިންޖަރު މަތިންދާބޯޓަކަށް މިސައިލުން ހަމަލާދީ ގަސްދުގައި ވައްޓާލުމަށްފަހު އެކަމަށް އެއްބަސް ވެފައިވާ ގައުމެކެވެ. އެ ޖަރީމާ ހިންގުމަށްފަހު އީރާން އެއާވޭޒްގެ އެ މަތިންދާބޯޓް ވައްޓާލީ ބޮއިންގް މަރުކާގެ އެ މަތިންދާބޯޓަކީ މިލިޓަރީ ޖެޓްފައިޓާއެއް ކަމަށް ބެލެވިގެން ކަމަށްބުނެ އެމެރިކާ ވަނީ ބަހަނާ ދެއްކުމަށް ވެސް މަސައްކަތް ކޮށްފައެވެ. އެ ހާދިސާގައި އީރާނުގެ 300އެއްހާ މީހުން އެމެރިކާއިން ވަނީ މަރާލާފައެވެ. (ނޫސްއެޖެންސީތައް)