21 Jul 2014, 02:40
ކުލަބް ވެލެންސިއާ 1-0 ލަނޑުން ބަލިކޮށް، ކޮކާކޯލާ ވެޓެރަންސް ކަޕްގެ ދެ ވަނަ ބުރުގެ އެއް ވަނަ މަގާމަށް ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޖެހިލައިފި އެވެ.
ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ ކޮޅަށް، ސޮކަވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޖެހި ހަމައެކަނީ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝަމީމެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައި ވަނީ ސޮކަވެޓެރަންސްގެ މުހައްމަދު ޒިޔާދަށެވެ.
މިއަދުގެ މެޗުން މޮޅުވުމުން ސޮކަވެޓަރަންސް ވަނީ ދެ ވަނަ ބުރުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން މުބާރާތުގެ ދެ ވަނަ ބުރުގެ ތާވަލްގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ދެ ވަނާގައި ބީޖީ ހަ ޕޮއިންޓާއިއެކު އޮތްއިރު ތިން ވަނައިގައި އޮތީ ފަސް ޕޮއިންޓާއިއެކު ދިވެހި ސިފައިންގެ ކްލަބެވެ. ހަތަރުވަނައިގައި ފަސް ޕޮއިންޓާއެކު ވެލެންސިޔާ އޮތްއިރު އެންމެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި މަހިބަދޫ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ދެ މެޗު ނުކުޅެ ބާކީ އޮތްއިރު ސެމީ އަށް ދާނެ ހަތަރު ޓީމް މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ހަތަރު ޓީމަކީ ސޮކަވެޓެރަންސް އާއި ބީޖީ އާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން ކްލަބް ވެލެންސިޔާ އެވެ.
މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދެ ވަނަ ބުރުގެ އެއް ވަނަ ޓީމާއި ދެވަނަ ބުރުގެ ހަތަރު ވަނަ ޓީމެވެ. ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ދެވަނަ ބުރުގެ ދެ ވަނަ ޓީމާއި ދެވަނަ ބުރުގެ ތިން ވަނަ ޓީމެވެ.
މި މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެ ޓީމަކީ ބީޖީ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.