އެޑެލައިޑް : ލޮނުމެދަކީ ލޭމައްޗަށް ދިޔުމާދެކޮޅަށް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެއްކަން އޮސްޓްރޭލިޔާގައި ކުރެވުނު އާ ދިރާސާއަކުން ހާމަވެއްޖެއެވެ. އޮސްޓްރޭލިޔާގެ އެޑެލައިޑް ޔުނިވާސިޓީންކުރި މިދިރާސާއިން ހާމަވާގޮތުގައި ލޮނުމެދަކީ ލޭމައްޗަށްދާ މީހުންގެ ލޭދަށްކޮށްދޭ އެއްޗެއްގެ އިތުރުން ލޭމައްޗަށް ނުދާމީހުން އެކަމުން ސަލާމަތްވުމުގެ ގޮތުންވެސް ބޭނުންކުރަން ރަނގަޅު އެއްޗެކެވެ.
މިދިރާސާބުނާގޮތުން ދުވާލަކު ހަތަރު ލޮނުމެދު ކާނަމަ ލޭމައްޗަށް ދިޔުމުގެ ފުރްސަތު ކުޑަވާނެއެވެ. އަދި ލޭމައްޗަށްދާމީހުންވެސް މިޢަދަދަށް ލޮނުމެދުކާނަމަ ލޭގެ ޕްރެޝަރު ދަށަށްދާނެއެވެ.
މިދިރާސާގައި މިކަން ތަޖްރިބާކޮށްފައިވަނީ ލޭމައްޗަށްދާ މީހުންނާއި ލޭމައްޗަށް ނުދާމީހުން ހިމެނޭ 50 މީހުންގެ ގްރޫޕަކަށް ދިގުމުއްދަތަކަށް ލޮނުމެދު ކާންދީގެންނެވެ. ލޮނުމެދުގެ ބަދަލުގައި ލޮނުމެދުބޭސް ބޭނުންކުރުމުންވެސް ދިގުމުއްދަތަކުން މިނަތީޖާ ޙާސިލްކުރެވޭނެ ކަމަށާ ނަމަވެސް ތާޒާ ލޮނުމެދު ބޭނުންކުރުމުން ކުރުމުއްދަތެއްގައި އެދެވޭ ނަތީޖާ މާރަނގަޅަށް ފެންނާނެ ކަމަށް މިދިރާސާ ކުރުމުގައި ޙަރަކާތްތެރިވި އެޑަލައިޑް ޔުނިވަރސިޓީގެ ޓީމުން ހާމަކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގެ ހާޓް ފައުންޑޭޝަނުން ބުނާގޮތުގައި ލޮނުމެދަކީ ލޭމައްޗަށް ދިޔުމާދެކޮޅަށާ އަދި ހިތުގެ ބަލިތަކާ ދެކޮޅަށްވެސް ބޭނުންކުރަން ރަނގަޅު ތަރުކާރީއެކެވެ. ނަމަވެސް ލޮނުމެދުން ލިބޭފައިދާތައް ޔަގީންކަމާއެކު ދެނެގަތުމަށްޓަކައި އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށް ިނގިރޭސިވިލާތުގެ ހާޓް ފައުންޑޭޝަނުން ބުނެއެވެ.