ދިރާގު ދިވެހި ލީގުގައި ކުލަބް ވެލެންސިއާ 3-0 ލަނޑުން ބަލިކޮށް، ދެ ޕޮއިންޓުގެ ލީޑަކާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ފުރަތަމަ ބުރުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނިއު އިން ނެގީ މެޗުގެ 39 މިނެޓުގަ އެވެ. އެ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމައިރެވެ.

އެއް ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިއުއިން ނިންމާލި ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ނިއުއިން ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ވެލެންސިއާ ކޮޅަށް ނިއުއިން ޖެހި ތިން ވަނަ ލަނޑު 86 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޝަންވީލް ގާސިމް (ބޮންޑާ) އެވެ.

މި ނަތީޖާއާއެކު ފުރަތަމަ ބުރުގައި ނިއު ކުޅުނު ފަސް މެޗުން އެ ޓީމް ވަނީ ދެ ޕޮއިންޓްގެ ލީޑަކާއެކު ވަގުތީ ގޮތުން ލީގުގެ އެއް ވަނާގައި 15 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ހަމަ އެ އަދަަދަށް މެޗް ކުޅެގެން ލީގުގެ ދެ ވަނަ މަގާމް ގައި 13 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. އަދި މިރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ފަސް ޕޮއިންޓާއެކު ލީގުގެ ހަ ވަނަ މަގާމުގަ އެވެ.

މެޗަށް ފަހު ނިއުގެ މެނޭޖަރު އިސްމާއިލް ވިޝާމް ވިދާޅުވީ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި މެޗުން ލިބުނު ތިން ޕޮއިންޓަކީ މި ވަގުތަށް ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅު ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުންނަމަ ނަތީޖާ މިއަށްވުރެ ރަނގަޅުވާނެ ކަމަށް ވިޝާމް ވިދާޅުވިއެވެ.

ވެލެންސިއާގެ ކޯޗް މުހައްމަދު ސާހިދު ބުނީ، ނިއު ކަހަލަ ވަރުގަދަ ޓީމަކާ އަޅާބަލާއިރު ޓީމުން ދެއްކި ކުޅުމާ މެދު ޖުމްލަކޮށް ހިތް ހަމަ ޖެހޭ ކަމަށެވެ.

ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10:00ގަ އެވެ. އެ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ނުވަ ޕޮއިންޓާއެކު ލީގުގެ ތިން ވަނަ މަގާމުގައި އޮތް އީގަލްސް އާއި ހަތް ޕޮއިންޓާއެކު ހަތަރު ވަނަ މަގާމްގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.