21 Jul 2014, 01:45
ޣައްޒާއަށް އެއްގަމު މަގުން ހަމަލާ ދެމުން ދިޔަ އިސްރާއީލް ސިފައިންގެ ތެރެއިން މީހަކު ރަހީނުކޮށްފައިވާ ކަމަށް ދިފާއުގައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
އަލްޖަޒީރާ ބުނީ އިސްރާއީލް ސިފައިންގެ މީހަކު ރަހީނުކޮށްފައިވާ ކަމަށް ހަމާސްގެ ޓީވީން ބުނެފައިވާ ކަމަށެވެ. އަދި ބުނީ ރަހީނު ކޮށްފައިވާ އިސްރާއީލް މީހާގެ ނަމަކީ ޝައޫލް އަރޯން ކަމަށް ވެސް ހަމާސްގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑުން ބުނި ކަމަށެވެ.
އިސްރާއީލުން އަދި އެކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އެ ހަބަރު ފެތުރުމާއެކު ޣައްޒާގައި އުފާފާޅުކޮށް ތަކުބީރު ކިޔަމުންދާ ކަމަށް ވެސް އަލްޖަޒީރާގެ ލައިވް ބްލޮގްގައި ވެ އެވެ.
ނަމަވެސް އިސްރާއީލުގެ ޔެޝިވާ ނޫހުން ބުނީ މީހަކު ރަހީނު ކުރި ކަމަށް ދެކެވޭ ވާހަކަ އިސްރާއީލް ސިފައިން ދޮގު ކުރާ ކަމަށެވެ.
ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މިފަހަރު ފެށި އުދުވާނަށް 12 ދުވަސް ވެފައި ވާއިރު އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 425 އަށް އަރާފައެވެ. އަދި އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެ އެވެ. މަރުވި ޝަހީދުވި މީހުންގެ އިތުރުން 3008 މީހުން އިސްރާއީލްގެ އުދުވާނުގައި ޒަހަމްވެފައި ވެއެވެ.