ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތާއީދު ކުރާނެ ބޭފުޅަކު ކަނޑައެޅުމަށް މިރޭ ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވަކި ގޮތެއް ނުނިމި ނިންމާލައިފި އެވެ.

ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ނަންހާމަ ނުކުރުމަށް ޝަރުތުކޮށް މިރޭ "ސަން"އަށް ވިދާޅުވީ ޕީޖީ ކަމަށް ބޭފުޅަކު އައްޔަން ކުރުމުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިރޭ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ނިމިގެންދިޔައީ ވަކި ގޮތެއް ނުނިމި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިރޭގެ ބައްދަލުވުން ނިމިގެންދިޔައީ ޕީޖީއަކު އައްޔަން ކުރުމުގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަމަލުކުރާނެ ވަކި ގޮތެއް ނުނިމި،" ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ވިދާޅުވި އެވެ.

ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުއްވާފައި ވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ ނަންފުޅެވެ.

ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ވިދާޅުވި ގޮތުގައި ޕީޖީ މައްސަލާގައި، މާދަމާގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން އެ ޕާޓީން ގޮތެއް ނިންމާނެ އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މުހުތާޒަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އަދި އެ ނިންމުމަށް ތާއީދު ކުރުމަށް ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އިން ވެސް ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ މައުމޫން ހަމީދަށް ވޯޓު ނުދިނުމަށެވެ. ނަމަވެސް މުހުތާޒަށް ވޯޓުދިނުން އިޚްތިޔާރީ ކަމެއްގެ ގޮތުގައި މެމްބަރުންނަށް ދޫކޮށްލުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ފްރީ ލައިން ވިޕެއް ނެރެފަ އެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންނަށް މައުމޫން ހަމީދަކަށް ވޯޓެއް ނުދެއްވޭނެ އެވެ. އަދި އޭނާއަށް ވޯޓު ދެއްވައިފިނަމަ އެއީ އެ ޕާޓީގެ ވިޕްލައިނާ ހިލާފުވީ ކަމަށް ބެލެވޭނެ އެވެ. ނަމަވެސް މުހުތާޒަށް ވޯޓު ދިނުމުގައި އެއްކޮޅަށް ވެސް އަދި ދެކޮޅަށް ވެސް ވޯޓު ދެއްވި ދާނެ އެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި އަމަލު ކުރާނެ ވަ ކިގޮތެއް މިހާތަނަށް ނިންމާފައި ނުވަނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީންނެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު މިރޭ ސަންއަށް ވިދާޅުވީ ޕީޖީގެ މައްސަލާގައި ޕާޓީން އެއްވެސް ގޮތެއް މިހާތަނަށް ނިންމާފައެއް ނުވާ ކަމަށެވެ.

މައުމޫން ހަމީދާއި މުހުތާޒު މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރައްވައި އިންޓަވިއު ކުރެއްވުމަށް ފަހު މާކްސް ދިން އިރު ކޮމެޓީން ފާސްވާ މިންވަރަށް މާކްސް ލިބިވަޑައި ނުގަންނަވަ އެވެ. މުހުތާޒަަށް ލިބިވަޑައިގެންނެވީ 67 ޕަސެންޓް މާކްސް އެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 ޕަސެންޓް މާކްސް އެވެ. ފާސްވުމަށްޓަކައި މަދުވެގެން 75 ޕަސެންޓް މާކްސް ލިބިވަޑައިގަންނަވަންޖެހެ އެވެ.

މަޖިލީހުގައި މާދަމާ ނަގާ ވޯޓުގައި، ޕީޖީގެ މަގާމަށް ވަޑައިގެންނެވުމަށް މަދުވެގެން މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތު ކަމަށްވާ 43 މެމްބަރުންގެ ވޯޓު ލިބިވަޑައިގަންނަވަންޖެހޭނެ އެވެ.