20 Jul 2014, 22:26
ދިވެހިރާއްޖެއަށް ކަނޑު މަގުން 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެން ބާއްވާ މުއްދަތު މަޖިލީހަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކު ހާޒިރުވުމަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަންގާރަ ދުވަހު އޮންނަ މުއްދަތު މަޖިލީހަށް އެ އޮފީހުގެ ވަކީލަކު ކޯޓަށް ހާޒިރުވާން ފުލުހުން އަންގާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖުމްލަ 18 މީހަކު ހައްޔަރު ކުރިނަމަވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަތަރު މީހެކެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ފުލުހުސް މީހާ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ މަސްތުވާތަކެތި ރާއްޖެ ގެނައި އީރާންގެ ހޮރުމޯޒު ބޯޓުން ހައްޔަރު ކުރި ޕާކިސްތާނު މީހުން ވަނީ ޑީޕޯޓުކޮށްލާފަ އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ހިންގި އެ އޮޕަރޭޝަންގައި އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެއްޗަކީ މި ފަހުގެ ތާރީޚެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް އެންމެ ބޮޑު އަދަދުގެ މަސްތުވާތަކެއްޗެވެ.