20 Jul 2014, 21:50
މިއަހަރުގެ ފިތުރު އީދާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގައި މިފަހަރުވެސް 40 އަށް ވުރެ ގިނަ ޓީމް ބައިވެރިވާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފި އެވެ.
ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވިދާޅުވީ އެހެން އަހަރު ތަކެކޭ ވެސް އެއްގޮތައް މިއަހަރުގެ މުބާރާތުގައި ވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދި ގިނަ ފަރާތްތަކުން ފޯމް ނަގާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އަވިސްޓާ ރެސްޓޯރެންޓުގައި ކަމަށް އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ މުބާރާތުގެ ގަވާއިދާއި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް އަވިސްޓާ ރެސްޓޯރަންޓުން ލިބެން ހުންނާނެ ކަމަށެވެ.
ބައިބަލާ އެސޯސިއޭޝަނުން ބުނީ މިދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުވެސް ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދެވޭ ފައިސާގެ އިނާމަށް ބަދަލު އައިސްފައި ނުވާކަމަށެވެ. އެގޮތުން ޗެމްޕިންއަން ޓީމަށް 75،000ރ. އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ދޭން ނިންމާފައި ވަނީ 40،000ރ. ކަމަށް އައްސަދު ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ، މިއަހަރުވެސް މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގެ ދެ ކުނު ފަރާތުގައި އޮންނަ ހުސް ބިމުގައި ކަަމަށެވެ.
މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގައި ޖުމްލަ 47 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔޫއެން ފްރެންޑްސްއެވެ.