20 Jul 2014, 21:44
ޖުމްލަ އަށް ޓީމާއެކު، ޕިލިޕްސް ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ކުޅުން މިއަދު ހަވީރު ފަށައިފި އެވެ.
ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި މިއަދު ފެށި މުބާރާތުގައި ޖުމްލަ ދެ މެޗެއް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗް އައިލޭންޑް އޭވިއޭޝަނާއި ބައްދަލުކޮށް ސޮނީ ހާޑްވެއާގެ ޓީމުން ކާމިޔާބުކުރީ ހަތް ވިކެޓުން ނެވެ. ދެވަނަ މެޗް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ބައްދަލުކޮށް އެޓޯލް ހައިޑް އަވޭ މޯލްޑިވްސް ކާމިޔާބުކުރީ 98 ލަނޑުންއެވެ.
މިއަދުގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން އައިލޭންޑް އޭވިއޭޝަން ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 78 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 22 ލަނޑުހެދި ހުޝާމްއާއި 19 ލަނޑުހެދި ނިޕުންއެވެ. ޖަވާބުގައި ސޮނީ ހާޑްވެއާ ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި 92 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި ސުރާންގައާއި 28 ލަނޑު ހެދި އިސާންއެވެ. މުބާރާތުގެ ފުރަތަމަ ހެޓްރިކް ސޮނީހާޑްވެއަގެ ކެޕްޓަން ޝިޔާމް ވަނީ މިއަދުގެ މެޗްގައި ހަދާފައެވެ. ޝިޔާމް 2 އޯވަރު 18 ލަނޑަށް ހަތަރު ވިކެޓް ނެގިއެވެ.
މިއަދުގެ ދެވަނަ މެޗް ޓޮސް ދިމާވުމުން އެޓޯލް ހައިޑްއަވޭ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 184 ލަނޑުހެދިއެވެ. އަދި ޖަވާބުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 96 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 15 ލަނޑުހެދި އާމިރު އާއި 11 ލަނޑުހެދި އަފީފްއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގްރޫޕް "އޭ" ގައި ވާދަކުރާ ޓީމް ތަކަކީ ސޮނީ ހާޑްވެޔާ އާއި އައިލޭންޑް ރިކްރިއޭޝަން ކްލަބާއި ކުލަބް ފެން އަދި ކޯސްޓްލައިނެވެ. ގްރޫޕް ބީ ގައި ވާދަކުރާ ޓީމް ތަކަކީ އެޓޯލް ހައިޑްއަވޭ ހޮލިޑޭ މޯލްޑިވްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އެސްޓީއޯ އަދި ޓީޓީއެސް މޯލްޑިވްސް އެވެ.
ގްރޫޕް ސްޓޭޖުން ކޮންމެ ގްރޫޕަކުން ދެޓީމް ހޮވުމަށްފަހު ސެމީފައިނަލް އަދި ފައިންލަ ކުޅޭގޮތަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.
މުބާރާތުގައި މާދަމާ ހަވީރު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ޓީޓީއެމްއާއި އެސްޓީއޯ އެވެ. ދެވަަނަ މެޗްގައި ބައްދަލުކުރާނީ ކްލަބް ފެންއާއި ކޯސްޓްލައިންއެވެ.