20 Jul 2014, 21:03
ޒަޔަނިސްޓު އިިޒުރޭލު އަސްކަރިންޔާއިން ގައްޒާއަށް އަރައި ދެމުންދާ ހަމަލާތަކުގެ ދިފާއުގައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގެ 13 ސިފައިން މިއަދު މަރާލައިފި އެވެ.
އިސްރާއީލް ސިފައިންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އެއްގަމު މަގުން މިއަދު ޣައްޒާއަށް ހަމަލާ ދިނުމުގައި ބައިވެރިވި 13 ސިފައިން ހަމާސްގެ ހަމަލާތަކުގައި މަރުވި ކަމަށެވެ. އަދި އެމީހުންނާ އެކު މަރުވި އިސްރާއީލް ސިފައިންގެ އަދަދު މިހާރު ވަނީ 18 އަށް އަރާފަ އެވެ.
ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިސާރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން މިފަހަރު ފެށި އުދުވާނަށް 12 ދުވަސް ވެފައި ވާއިރު އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 425 އަށް އަރާފައެވެ. އަދި އޭގެ ތެރޭގައި 112 ކުޑަކުދިން ވެސް ހިމެނެ އެވެ. ޝަހީދުވި މީހުންގެ އިތުރުން 3008 މީހުން އިސްރާއީލްގެ އުދުވާނުގައި ޒަހަމްވެފައި ވެއެވެ.