ސަދަން ޔުޓިލިޓީސް އިން ކަރަންޓް ކޭބަލްތަކެއް ގަތުމަށް 4.9 މިލިއަން ރުފިޔާ ޕްރޮޖެކްޓެއް ހަވާލުކޮށްފައި ވަނީ އެ ޕްރޮޖެކްޓަށް ބިޑު ހުށަނާޅާ ކުންފުންޏަކާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށެހެޅި މައްސަލައަކާ ގުޅިގެން އެ ޕްރޮޖެކްޓް މަޑުޖައްސާލުމަށް އޭސީސީން ސަދަން ޔުޓިލިޓީސް އަށް އަންގައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، އައްޑު އަތޮޅުގެ އިންޖިީނުގެތަކަށް ކަރަންޓު ކޭބަލްތަކެއް ހޯދުމުގެ ޕްރޮޖެކްޓް މަޑުޖައްސާލުމަށް ސަދަން ޔުޓިލިޓީސް އަށް މިއަދު އެންގެވީ އޭސީސީއަށް އަމިއްލަ ފަރާތަކުން އިއްޔެ ހުށަހެޅި މައްސަލައިގެ ތަހުގީގު ނިމެންދެން އެ ޕްރޮޖެކްޓް މަޑުޖައްސާލުމަކީ އެންމެ މަސްލަހަތު ރަގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މަސައްކަތް ހުއްޓާލަން އެންގީ. އަޅުގަނޑުމެން ވާނީ އެގްރިމެންޓްގައި ސޮއިނުކުރަން އަންގާފައި. ސޮއިކޮށްފިއްޔާ އިތުރު މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވެސް ވާނީ އަންގާފައި،" މުއްވިޒު ވިދާޅުވި އެވެ.
ޕްރޮޖެކްޓް މަޑުޖައްސާލުމާ ގުޅޭ ގޮތުން ސަދަން ޔުޓިލިޓީސްގެ ވަކި ޖަވާބެއް އަދި ލިބިފައިނުވި ނަމަވެސް، އެ ޕްރޮޖެކްޓާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ކޮމިޝަނުން މިހާރު ހޯދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ސަން އޮންލައިން އަށް ކޮޕީ ލިބިފައިވާ އެ ޕްރޮޖެކްޓްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޕްރޮޖެކްޓަށް ކުރިމަތިލީ ހަތް ކުންފުނީގެ ތެރެއިން އެ ޕްރޮޖެކްޓް އެވޯޑްކޮށްފައި 4976800ރ. (ހަތަރު މިލިއަން ނުވަ ލައްކަ ހަތްދިހަ ހަހާސް އަށްސަތޭކަ ރުފިޔާ) ހުށަހެޅި ލީނިއާ ޓެކް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެއީ އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހެޅި ކުންފުނި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ ޕްރޮޖެކްޓަށް ކުރިމަތިލީ އިތުރު ކުންފުންޏެއްގެ އޮފިޝަލަކު ސަން އޮންލައިން އަށް މައުލޫމާތު ދެމުން ބުނީ، ކޭބަލް ގަތުމަށް ހަވާލުކުރީ ލީނިއާ ޓެކް އާ ކަމަށް ވީ ނަމަވެސް، އެ ޕްރޮޖެކްޓް ކުރިއަށްގެންދަނީ ސިމްޑީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.
އެ ޕްރޮޖެކްޓް ހިންގާނީ ސިމްޑީން ކަމަށް ބުނެ، ލީނިއާ ޓެކުން ސަދަން ޔުޓިލިޓީސް އަށް ހުށަހެޅުމުން، އެއްވެސް މައްސަލައެއް ނުޖައްސައި އެ ޕްރޮޖެކްޓްގެ 33 ޕަސަންޓަށްވާ ފައިސާ ސިމްޑީ ކޮމްޕެނީއަށް ޖަމާކޮށްދީފައިވާ ކަމަށް ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ.
އެ ޕްރޮޖެކްޓްގެ ފުރަތަމަ އިންސްޓޯލްމެންޓްގެ ގޮތުގައި 1658767.44ރ. (އެއް މިލިއަން ހަ ލައްކަ ފަންސާސް އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ސާޅީސް ހަތަރު ލާރި) ސިމްޑީއަށް ދެއްކުމަށް ތައްޔާރުކޮށްފައިވާ ޕޭމަންޓް ވައުޗާއެއްގެ ކޮޕީ ސަން އޮންލައިނަށް ވަނީ ލިބިފަ އެވެ. ޖެނުއަރީ 10 ވަނަ ދުވަހު ތައްޔާރުކޮށްފައިވާ އެ ޕޭމަންޓް ވައުޗާ އެޕްރޫވްކޮށްފައި ވަނީ ސަދަން ޔުޓިލިޓީސްގެ އެގްޒެކެޓިވް ޑައިރެކްޓާ ފަތުހުﷲ ސޯލިހާއި ފައިނޭންސް ޑައިރެކްޓާ އަބްދުﷲ މިޔާދު އެވެ.
ނަމަވެސް، އެ ފައިސާ ޖަމާކުރުމަށް ހުއްދަ ދިން ތާރީޚުގެ އެއް ދުވަސް ކުރިން ސިމްޑީ އެކައުންޓަށް އެ އަދަދަށް ފައިސާ ޖަމާކޮށްފައިކަން ސަން އޮންލައިންއަށް ވަނީ ކަށަވަރުވެފަ އެވެ.
ސިމްޑީގެ އެކައުންޓަކަށް ސަދަން ޔުޓިލިޓީސް އިން 1658767.44ރ. ޖެނުއަރީ 9، 2010 ގައި ޖަމާކޮށްފައިވާކަން އެނގޭ ޗެކް ޑިޕޮސިޓް ސްލިޕްގެ ކޮޕީ ސަން އޮންލައިން އަށް ވަނީ ލިބިފަ އެވެ.
ސަން އޮންލައިންނަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ، ލީނިއާ ޓެކްއާ ޕްރޮޖެކްޓް ހަވާލުކުރިކަން ސަދަން ޔުޓިލިޓީސް އިން އިއުލާން ވެސް ނުކުރާ ކަމަށާއި އަދި އެ ޕްރޮޖެކްޓަށް ބިޑު ހުށަހެޅި އިތުރު އެއްވެސް ކުންފުންޏަކަށް ބިޑުތައް އިވެލުއޭޓް ކުރި ގޮތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ޔުޓިލިޓީސް އިން ދީފައިނުވާ ކަމަށެވެ.
"ޔުޓިލިޓީސް ގައި އުޅޭ މީހަކު އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ ލީނިއާ ޓެކް އިން ބޮޑު އަގު ހުށަހެޅީމަވެސް އެމީހުންނަށް ޕްރޮޖެކްޓް އެވޯޑްކޮށްފިކަން. އަނެއްކޮޅުން ލީނިއާޓެކުގެ ޕްރޮޕޯސަލްގައިވާ ކޭބަލްތަކަކީ އޭސީއެލް ކޭބަލްސްއިން ހަދާ ކޭބަލްތަކެއް. އެއީ އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ ބަޔެއް ނޫން،" އެމީހާ ބުންޏެވެ.
ސަދަން ޔޫޓިލިޓީސް ކުންފުނި ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އަބްދުﷲ މިޔާދު މިއަދު ވިދާޅުވީ، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ "ލީނިއާ ޓެކް ސިމްޑީ ކޯންސޯޓިއަމް" އާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ މައްސަލަ ކުންފުނީގެ އިންޓާނަލް ޑިޕާޓްމަންޓްތަކުން ބަލަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެ ޕްރޮޖެކްޓަށް ބިޑު ޑޮކިއުމެންޓްތައް ގަތް ފަރާތްތަކުގެ ތެރޭގައި "ލީނިއާ ޓެކް ސިމްޑީ ކޯންސޯޓިއަމް" ގެ ނަމެއް ނެތެވެ. ހަމައެކަނި އޮތީ ލީނިއާ ޓެކް އެވެ.
ސިމްޑީގެ ޖެނެރަލް މެނޭޖާ ޔޫޝައު އިސްމާއީލު މިރޭ ވިދާޅުވީ އެ ޕްރޮޖެކްޓަށް ކުރިމަތިލީ ސިމްޑީއާއި ލީނިއާ ޓެކް ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކުން ކަމަށާއި ހުށަހެޅި ޕްރޮޕޯސަލްގައި ދެ ކުންފުނިން ކުރާ ހުރިހާ މަސައްކަތްތަކެއް ވަރަށް ތަފުސީލުކޮށް ލިޔެފައި ހުންނާނެ ކަމަށެވެ.
"ތެދެއް އަޅުގަނޑުމެެން ބިޑް ޑޮކިއުމެންޓެއް ނުގަންނަން. ލީނިއާ ޓެކުން ބިޑް ޑޮކިއުމަންޓް ގަނެފައި އޮތީމާ އަޅުގަނޑުމެން ލީނިއާ ޓެކާ ޕާޓްނާޝިޕް ހަދައިގެން ޕްރޮޕޯސަލް ހުށަހަޅާފައި އޮންނާނީ."
އޭސީސީގެ އެންގުމަށް މިހާރު އެ ޕްރޮޖެކްޓް ހުއްޓާލާފައިވާކަން ސަދަން ޔުޓިލިޓީސް އިން ވަނީ މިރޭ ކަށަވަރުކޮށްދީފަ އެވެ.