އިސްރާއީލު ސިފައިން މިއަދު ޣައްޒާގައި ޤަތުލު އާއްމެއް ހިންގައި 80 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފިއެވެ.

އަލްޖަޒީރާ އިން ބުނީ އިސްރާއީލު ސިފައިން އެއްގަމު މަގުން މިއަދު ދިން ވަރުގަދަ ހަމަލާތަކުގައި ޝަހީދުވީ މީހުންނާ އެކު މިފަހަރުގެ އުދުވާނުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 425 އަށް އަރާފައިވާ ކަމަށެވެ.

އިސްރާއީލްގެ ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމްވި އަންހެނަކު ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ: އޭޕީ


އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވީ ކުޑަކުދިންގެ އަދަދު 112 އަށް އަރާފައިވާއިރު އެ ހަމަލާތަކުގައި ޒަޚަމްވީ މީހުންގެ އަދަދު 3008 އަށް އަރާފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުންޏެވެ.
އިސްރާއީލްގެ ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމްވި މީހަކާއި ދެ ކުޑަކުއްޖަކު ޣައްޒާގެ ހޮސްޕިޓަލެއްގައި -- ފޮޓޯ: އޭޕީ


އިސްރާއީލުން މިއަދު ޣައްޒާގައި ހިންގި ގަތުލު އާއްމުތައް ދުށް އަލްޖަޒީރާގެ ނޫސްވެރިން ސޯޝަލް މީޑިއާ ޓްވިޓާގައި ބުނެފައިވާ ގޮތުގައި އެރަށުން މިއަދު ނެގި ބައެއް ވީޑިއޯތައް ރޮމުން ނޫނީ ނުބެލޭނެއެވެ. އެމީހުން ބުނެފައި ވަނީ މުޅި ޣައްޒާ ވެސް ފެނުނީ ހަނގުރާމައިގެ މައިދާނެއްގެ ސިފައިގައި ކަމަށެވެ.
އިސްރާއީލްގެ ލާއިންސާނީ ޖަރީމާތަކުގައި މަރުވެފައިވާ އަންހެންކުއްޖަކު ގެންދަނީ -- ފޮޓޯ: އޭޕީ


އިސްރާއީލުން މިއަދު ބުނީ ޣައްޒާގައި މިއަދު ހިންގި ބިމުގެ އޮޕަރޭޝަނުގައި އެމީހުންގެ 13 ސިފައިން މަރުވެފައިވާ ކަމަށެވެ.