ހުޅުމާލޭގައި އެސްޓީއޯގެ ސުޕަމާކެޓެއް އެޅުމަށް ނިންމައިފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ސުޕަމާކެޓު ހިންގުމަށް ބޭނުންވާ އިމާރާތް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)އާ އެކު ވާހަކަދައްކަމުން އަންނަ ކަމަށާއި މިހާރު އޮތީ ގާތްގަނޑަކަށް އެކަން ފައިނަލް ވުމުގެ މަރުހަލާގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެސްޓީއޯ އިން ކުރި ރިސާޗަކުން އެނގުނުގޮތުގައި މާލެއާ ހުޅުމާލެއާ ދޭތެރޭ ދަތުރުފަތުރު ކުރުމަށް ބާރުބޮޑުވެގެން ދަނީ ދިރިއުޅުމުގައި އަސާސީގޮތުން ބޭނުންވާ އެއްޗިހި ހުޅުމާލެއިން ލިބެން ނެތުމުން ކަމަށެވެ. އެހެންކަމުން އެ ސުޕަމާކެޓު ހުޅުވިގެން ދިޔުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. މާލެނައިސް މާލޭގަ މިހިރަ ކަހަލަ ރަނގަޅު ފެންވަރުގެ ސްޕަމާކެޓެއް ހުޅުމާލޭގައި ހުޅުވިގެން ދިޔައިމަ،" އާޒިމް ވިދާޅުވި އެވެ.