ގދ. ތިނަދޫ މަގެއް ކޮންނަނިކޮށް އިންސާނެއްގެ ބޮލުގެ ނާށިގަނޑު މިއަދު ފެނިއްޖެ އެވެ.

ތިނަދޫ އިން ވާހަކަދެއްކި މީހަކު ބުނީ އެ ރަށުގެ ގެއެއްގެ ފާހާނާ ހޮޅި ވަޅުލަން ކޮންނަނިކޮށް ފެނުނީ ހަމައެކަނި އިންސާނެއްގެ ބޮލުގެ ނާށިގަނޑު އެކަނި ކަމަށެވެ. އަދި އެ ނާށިގަނޑު ފެނުނީ ރަށުގެ ވައިލެޓް މަގު ކޮންނަނިކޮށް ކަމަށާއި އެ ސަރަހައްދުން މީގެ ކުރިން ވެސް އިންސާނުންގެ ހަށިގަނޑުގެ އެކި ބައިތަން ފެންނަ ތަނެއް ކަމަށް އޭނާ ބުންޏެވެ.

ގަބުރެއްގެ ބޮލުގެ ނާށިގަނޑު ތިނަދޫއިން މިއަދު ފެނުނު ސަރަހައްދަނީ އެ ރަށުގެ ކުރީގެ ގަބުރުސްތާނެވެ. ދިވެހި ތާރީހުތަކުގައި ލޭ އޮހޮރުވުންތަކެއް ހިނގާފައިވާ ތިނަދޫއިން، މީހުން ބޭލުމަށްފަހު އަލުން އެ ރަށުގައި މީހުން އާބާދުކުރިއިރު، ކުރީގެ ގަބުރުސްތާނުގެ މަތީގައި ގެތައް ވަނީ އަޅާފަ އެވެ. ގެތައް އެޅުމުގެ ކުރިން ގަބުރުސްތާން ހުސްކުރުމުގެ މަސައްކަތް ކޮންމެ ވެސް ވަރަށް ކުރިންކޮށްފައިވެ އެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގެ މަގެއް ކޮންނަނިކޮށް ފެނުނު ނާށިގަނޑު ރަށު އާ ގަބުރުސްތާނުގައި ވަޅުލާފައިވާ ކަމަށާއި އެ ނާށިގަނޑަކީ ވަރަށް ދުވަސްވެފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަަމަށެވެ.

ސަރުކާރާ ދެކޮޅަށް ތިނަދޫ ރައްޔިތުން ހިންގި ބަޣާވާތާ ގުޅިގެން އަދަބެއްގެ ގޮތުން 1962 ފެބްރުއަރީ 4 ގައި ތިނަދޫ ފަޅުކޮށް، ގޯތި ގެދޮރު އަންދައި އެ ރަށުގެ ބަޔަކު ވަނީ މާރާލާފަ އެވެ. ތިނަދޫ ދުވަސްވީ ހާދިސާތަކުގެ ތެރޭގައި އިސްލާމުންނާއި ކާފަރުން މެދު، ތިނަދޫގައި ވަނީ ހަނގުރާމައެއްކޮށްފަ އެވެ. އެ ހަނގުރާމައިގައި ބަޔަކު މަރައި ގަތުލްއާންމު ހިންގި ކަން ތާރީހުން އެނގެ އެވެ.