20 Jul 2014, 19:29
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ޚަރަދުކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަނޭޅި 76 ކެންޑިޑޭޓުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ހުށަހެޅީ. ޕީޖީ އޮފީހުން މިއަންނަނީ އެ މައްސަލަ ދިރާސާ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރަކު ހިމެނިވަޑައިނުގަންނަވާ ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އިންތިޚާބުގައި ވާދަ ކުރި ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ޚަރަދު ކުރި ގޮތުގެ މާލީ ހިސާބުތަކުގެ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓް ހުށަހަޅަން ޖެހޭނީ އިންތިޚާބު ބާއްވާތާ 30 ދުވަސް ތެރޭގަ އެވެ.
މަޖިލިސް އިންތިޚާބުގައި ބައިވެރިވި 302 ކެންޑިޑޭޓުންގެ ތެރެއިން މާލީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ 226 ކެންޑިޑޭޓުންނެވެ.
ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ތަފްސީލުތަކުގެ ތެރޭގައި ތާއިދު ހޯދުމަށް ޚަރަދު ކުރި ފައިސާގެ ޖުމްލަ އަދަދާއި ކެމްޕޭނަށް ފައިސާ ހޯދި ގޮތާއި އެ ފައިސާ ދިން ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލު ހުށަހަޅަން ޖެހެ އެވެ. އަދި އިންތިޚާބަށް ޚާއްސަކޮށް ހުޅުވާފައިވާ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު ހުށަނާޅައިފި ނަމަ އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 6000 ރުފިޔާ އާއި 24،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވެ އެވެ.