ގާހިރާ (20 ޖުލައި ) - މިސްރުގެ ހުޅަނގު ސަހަރާގައި އެ ގައުމާއި ލީބިޔާ ވަކިކުރާ ބޯޑަރު ސަރަހައްދުގައި ހަދާފައިވާ ބޯޑަރު ޕޯސްޓަކަށް ހަތިޔާރު އެޅި ބަޔަކުދިން ބޮމުގެ ހަމަލާތަކެއްގައި މިސްރުގެ އަސްކަރިއްޔާގެ 22 މީހުން މަރުވެއްޖެ އެވެ.

އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައި ވަނީ، ހޮނިހިރު ދުވަހު އިރުއޮސްސުނު ވަގުތު ދިން އެ ހަމަލާގައި ޒަހަމްވި އެކަކު މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މިސްރުގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލުންނާއި އަސްކަރިއްޔާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭޕީގައި ވަނީ، ހަތިޔާރުއެޅި މީހުން ފުރަތަމަ ހަމަލާތައް ދީފައި ވަނީ ގާހިރާއާ 500 ކިލޯމީޓަރު ދުރުން، ހުޅަނގު ސަހަރާގެ ވާދީ އަލް ޖަދީދުގެ ފަރަފްރާ އޮއޭސިސް ރޯޑުގައި ވާ ޗެކްޕޮއިންޓަކަށް ކަމަށެވެ.

މި ހަމަލާއަކީ މިސްރުގެ ސިފައިންނަށް ފަހުގެ ތާރީހެއްގައި ކުރިމަތިލާން ޖެހުނު އެންމެ ގެއްލުންބޮޑު ހަމަލާ ކަމަށް ވާއިރު، އެގައުމުގެ ރައީސް އަދި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އަބްދުލް ފައްތާހު އައް ސީސީ ވަނީ އެއީ "ޓެރަރިސްޓް ހަމަލާއެއް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ސީސީ ވަނީ، އެ ހަމަލާތައް ދިން ބަޔަކު ހޯދައި ހަރުކަށި އަދަބުތަކެއް ދެއްވާނޭ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ސީސީ ވަނީ، ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އިއުލާނު ކުރައްވައިފައެވެ.

އޭޕީން ބުނީ، އެ އޭޖެންސީއަށް މައުލޫމާތު ދިން އޮފިޝަލް މައުލޫމާތު ދިނީ އޭނާގެ ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައި ކަމަށާއި އަދި އެފަދަ މައުލޫމާތެއް މިޑިއާއާ ހިއްސާކުރުން އޭނާއަށް މަނާކޮށްފައި ވާކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

މިސްރުގެ ވާދީ އަލް ޖަދީދުގައި ވާ އެގައުމުގެ އެންމެ ބޮޑު ބޯޑަރު ޕޯސްޓަކީ ލީބިޔާއާ ސޫދާނާ ވެސް ގުޅުވައިދޭ ސަރަހައްދެވެ. ހޮނިހިރު ދުވަހު އިރު އޮއްސުނު ގަޑީގައި ރޮކެޓް ޕްރޮޕެލްޑް-ގްރެނޭޑްސް ބޭނުން ކޮށްގެން ހަތިޔާރު އެޅި ބަޔަކު ދިން އެ ހަމަލާގައި މިސްރުގެ ސިފައިން ހަތިޔާރު ރައްކާކުރާ ގުދަނެއް ވެސް ވަނީ، ގޮވާފައެވެ.

މިސްރުގެ އޮފިޝަލުންނާ ހަވާލާދީ އޭޕީގައި ވަނީ އެ ކުރިމަތިލުން ތަކުގައި ހަތިޔާރު އެޅި މީހުންގެ ތެރެއިން ތިން މީހަކު މަރުވެފައި ވާއިރު އަސްކަރިއްޔާގެ އިތުރު ފަސް މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވާ ކަމަށެވެ.