ސަރުކާރުގެ މަސް ކުންފުންޏެއް ކަމަށްވާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއަށް ރާއްޖޭގެ މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑުކޮށްފި އެވެ.

މަސް ގަންނަ އަގަށް ގެނައި ހެޔޮ ބަދަލާ ބެހޭގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ކޫއްޑޫގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު ޒަރީރު ވިދާޅުވީ، މީގެ ކުރިން މަސް ގަންނަމުން އައި އަގާ އަޅާ ބަލާއިރު ކިލޯ އަކުން 50 ލާރި އަގުބޮޑުކޮށްފައިވާ ކަމަށެވެ. އެއީ ޓަނަކުން 500 ރުފިޔާ އެވެ.

ޒަރީރު ވިދާޅުވީ، މަހުގެ އަގަށް އެ ބަދަލު ގެނެސްފައި ވަނީ ބޭރުގެ ބާޒާރުތަކަށް މަސް ގަންނަ އަގަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ކަމަށެވެ. އެގޮތުން ބޭރުގެ ބާޒާރުތަކުގައި މަސް ގަންނަ އަގަށް އަންނަ ބަދަލާއެކު ރާއްޖޭގެ މަސްކުންފުނި ތަކުންވެސް މަސް ގަންނަ އަގަށް ބަދަލު އަންނާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.

"މަހުގެ އަގަށް މި ބަދަލު ގެންއުމުގެ ބޭނުމަކީ ގިނަ މަސްވެރިން މަސްވެރިކަމަށް ނެރުން. ބޭރުގެ ބާޒާރުގެ އަގަށް ކިރިޔާވެސް ބަދަލެއް އައިސްފި ނަމަ އަޅުގަނޑުމެން އެ ބަދަލު ގެންނާނަން. އަޅުގަނޑުމެން ވެސް މަސައްކަތް ކުރާނީ މަސްވެރިންނަށް އެމީހުންގެ މަސައްކަތުން އެކަށީގެންވާ މަންފާއެއް ހޯދައިދޭން،" ޒަރީރު ވިދާޅުވި އެވެ.

މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑުކޮށްފައިވާ އިރު ކޫއްޑޫ ފިޝަރީޒް އާއި މިފްކޯ އަދި ފެލިވަރު ގުޅިގެން ދަނީ ރޯދަމަހާ ދިމާކޮށް ތިން ކުންފުނީގެ ފިހާރަތަކުން އެ ތިން ކުންފުނީގެ އުފެއްދުންތައް ވެސް ފޯރުކޮށްދެމުންނެވެ.