ވ. ފުލިދޫގައި ހުންނަ ދިރާގު ޓަވަރު ހުންނަ ސަރަހައްދަށް ގުޅާފައިވާ މެއިން ކޭބަލް އެ ސަރަހައްދު އަތިރި މައްޗަށް ވާ ގޮތަށް އޮންނާތީ އެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކްޓިވް އިމްޖާދު ޖަލީލް "ސަން"އަށް މިއަދު ވިދާޅުވީ އެ މައްސަލަ ހައްލަކަށް ގެނައުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ކަމާބެހޭ ހުރިހާ ފަރާތްތަށް ގުޅިގެން މިހާރު މި އަންނަނީ އެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތްކޮށް މަޝްވަރާކުރަމުން. އަޅުގަނޑުމެން ޔަގީންކަން ދެން ވަރަށް އަވަހަށް ސައިޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަން،" އިމްޖާދު ވިދާޅުވި އެވެ.

ފުލިދޫ ކައުންސިލްގެ ރައީސް މޫސާ ފާއިޒް ވިދާޅުވީ ދިރާގު ސައިޓަށް ކަރަންޓް ދިނުމަށް އެ ސަރަހައްދަށް ގެންގޮސްފައިވާ ކޭބަލް އަކީ ސްޓެލްކޯގެ ކޭބަލްއެއް ކަމަށާއި ރަށް ގިރުމާ ގުޅިގެން ކޭބަލް އަތިރި މައްޗަށް ވާ ގޮތަށް ރާޅު އަރާ ހިސާބުގައި އޮންނާތީ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.

"ދިރާގު ސައިޓް މި އިންނަނީ ރަށުގެ ތުނޑިއާ ދިމާލުގައި. އެއީ މީހުން ވަރަށް ގިނައިން ގޮސް އުޅޭ ހިސާބެއް. އެތަނަށް ކޭބަލް ގެންގޮއްސަ އިންނަ ގޮތުން ރަށް ގިރުމާ ގުޅިގެން ކޭބަލް މިހާރު އޮތީ އަތިރިމައްޗަށް ވާގޮތަށް. އެކަމާ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރާތީ އަޅުގަނޑުމެން ނިންމީ ކަރަންޓް ކަނޑާލަން. ނަމަވެސް މިހާރު ސްޓެލްކޯއަށް ވެސް އަދި ދިރާގަށް ވެސް މުއްދަތެއް ދީފަ އިންނާނީ އެކަން ހައްލުކުރަން،" މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ގެނައުމަށް ހައުސިން މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.