20 Jul 2014, 15:14
މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު މެލޭޝިއާގެ ފުލައިޓު އެމްއެޗް 17 އަކީ ޔޫކްރެއިންގެ ބާޣީން ވައްޓާލި ފުލައިޓެއް ކަން ސާބިތުވެއްޖެނަމަ އޭގެ ޒިންމާ ރަޝީއާ އިން އުފުލަންޖެހޭނެ ކަމަށް އިނިގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެއެވެ.
ޑޭވިޑް ކެމެރަންއާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ ދަ ސަންޑޭ ޓައިމްސް އިން ބުނީ މެލޭޝިއާގެ ފުލައިޓު އެމްއެޗް 17 އަކީ ޔޫކްރެއިންގެ ސެޕަރޭޓިސްޓް ޖަމްއިއްޔާ އިން ދިން ހަމަލާއަކުން ވައްޓާލި ފުލައިޓެއްކަން ސާބިތުވެއްޖެނަމަ އެކަން ވާނީ ރަޝިއާއިން މިނިވަން ގައުމެއްގެ އަމަން އަމާންކަން ނަގާލައި ހަލަބޮލިކޮށްލައި ހައްދުފަހަނައަޅާފައިވާ ބާޣީންގެ ބަޔަކަށް ހަތިޔާރު ދީ ތަމްރީނު ކުރުމުގެ ސަބަބުން ފެނުނު ހިތި ނަތީޖާއެއް ކަމަށެވެ. އަދި އެފުލައިޓު ވެއްޓުނު މައްސަލައިގައި ފިޔަވަޅު އަޅައި ތަހުގީގު ކުރުމަށް ޔޫރަޕްގެ ގައުމުތަކުން ލަސްކުރާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މާގިނަ ދުވަސް ވެއްޖެ ޔޫރޮޕްގެ ގައުމުތަކުން އުތުރު ޔޫކްރެއިންގައި ހިނގަމުން އަންނަ ޖަރީމާތަކަށް ފިޔަވަޅެއް އަޅަން ލަސްކޮށް ފަސްޖެހޭތާ. މިހާރު ވަގުތު އަތުވެއްޖެ އަހަރުންގެ ބާރާއި ނުފޫޒުގެ ބޭނުންކުރަން. އަަހަރުމެންގެ އިގްތިސޯދު މިހާރު ވެސް ވަރުގަދަ އަދި ދާނީ ވެސް ވަރުގަދަ ވަމުން،" ޑޭވިޑް ކެމެރަން ވިދާޅުވިކަމަށް އެނޫހުގައި ލިޔެފައިވެއެވެ.
ޔޫކްރެއިންގެ ސަރުކާރުން ވެސް ވަނީ ރަޝިއާ އަށް ސަޕޯޓުކުރާ ޔޫކްރެއިން ބާޣީން އެމްއެޗް 17 އިން މަރުވެފައި ތިބި މީހުންގެ ތެރެއިން 38 މީހުންގެ ހަށިގަނޑު ނަގައި އެސައިޓުގައި ހުރި ހެކިތައް ނައްތާލި ކަމަށް ތުހުމަތުކޮށްފައެވެ.