11 Jan 2011, 22:51
ނިޔުޔޯކް: 2050 ވަނަ އަހަރާ ހަމައަށްދާއިރު ފުންފަތުގެ އިސްތިޢްމާލުކުރުން ދުނިޔެއިން ނައްތާލެވުމަކީ ކުރެވިދާނެ ކަމަށް ސިޓީ ގްރޫޕަށް ނިސްބަތްވާ މުޙައްލިލުން ލަފާކުރައްވައިފިއެވެ. ތަފާސްހިސާބުގެ އަލީގައި މިފަރާތްތަކުން ލަފާކުރާ ގޮތުގައި ދުންފަތާދެކޮޅަށްކުރެވެމުންދާ ކޭންޕޭންގެ ސަބަބުންނާއި ދުންފަތުގެ އިސްތިޢްމާލުކުރުން ހުއްޓާލުމަށް ދުންފަތުގެ އިސްތިޢްމާލުކުރާ ފަރާތްތަކަށް ކުރިމަތިކުރެވެމުންދާ ފިއްތުންތަކުގެ ސަބަބުން ދުންފަތުގެ އިސްތިޢްމާލު ކުރަމުންގެންދާ މީހުންގެ ނިސްބަތްދަނީ ދުވަހެއް ދުހަކަށް ދަށަށެވެ.
ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން 1960 ގެ އަހަރުތަކުން ފެށިގެން ދުންފަތުގެ އިސްތިޢްމާލް ކުރާމީހުންގެ ނިސްބަތް ނުވަތަ ޕަސެންޓޭޖް ދު ދުނިޔޭގެ ޤައުމުތަކުގައި ދަނީ ދަށަށެވެ. މިސާލަކަށް އިނގިރޭސިވިލާތަށް ބަލާއިރު 1960 ގެ އަހަރުތަކުގައި އެޤައުމުގެ އާބާދީގެ 50 % ދުންފަތުގެ އިސްތިޢްމާލު ކުރެއެވެ. ނަމަވެސް 2008 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިޢްމާލުކުރާ މީހުންގެ ނިސްބަތަކީ އާބާދީގެ 20 % އެވެ.
ދުންފަތާ ދެކޮޅަށް ހިންގާ ކޭންޕޭން މުޅިދުނިޔެއަށްވެސް މިހާރުދަނީ ފެތުރެމުންނެވެ. މިކަމުގައި ޔޫރަޕްގެ ޤައުމުތައް އިސްނެގިނަމަވެސް ތަރައްޤީ ވަމުންއަންނަ ޤައުމުތަކުގައިވެސް ދުންފަތާ ދެކޮޅު ކޭންޕޭން ކުރިޔަށްދެއެވެ. އަދި ޢާންމުތަންތަނުގައި ދުންފަތުގެ އިސްތިޢްމާލުކުރުން މަނާކުރާ ޤާނޫނުތަކާއި ޤަވާޢިދުތައް، ތަރައްޤީވެފައިވާ ޤައުމުތަކުގެ އިތުރުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް ހަދައި ވަރަށް ގިނަ ޤައުމުތަކުގައި މިފަދަ ޤާނޫނުތަކާއި ޤަވާޢިދުތައް ވަނީ ތަންފީޒު ކުރަންފަށާފައެވެ.
ސިޓީ ގްރޫޕަކީ މާލީ ޚިދްމަތްތަކާބެހޭ އެމެރިކާގެ އެންމެ ބޮޑު އެއްކުންފުންޏެވެ. މި ކުންފުނީގެ މައިމަރުކަޒު ހުންނަނީ ނިޔުޔޯކްގައެވެ. މިދެންނެވ ކަންކަމަށް ރިޢާޔަތް ކުރެއްވުމަށްފަހު ސިޓީ ގްރޫޕްގެ މުޙައްލިލުން ލަފާކުރައްވާގޮތުގައި މިހާރު ކަންތައްތައްދާގޮތަށް ކުރިޔަށްދާނަމަ، ދުންފަތުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް 2020 ވަނަ އަހަރުން ފެށިގެން ދުންފަތުގެ ވިޔަފާރީގައި ގެއްލުންތައް ދައްކަންފަށާނެއެވެ. މާނައަކީ 2020 ގެ ފަހުން ދުންފަތާބެހޭ ކުންފުނިތަކަށް ދުންފަތުގެ ވިޔަފާރީން ފައިދާއެއް ނުލިބޭނެވާހަކައެވެ. މިހިސާބުން ފެށިގެން ދުންފަތުގެ ސިނާޢަތް ހީނަރުވާންފަށާނެއެވެ. އަދި މިކަމުގައި ޙަރަކާތްތެރިވާ ކުންފުނިތައް ވިޔަފާރީގެ އެހެން މަސައްކަތްތަކަށް ބަދަލުވާނެއެވެ. ފައިދާނުލިބޭ ސިނާޢަތެއް ކުރިޔަކަށް ނުދާނެއެވެ. ނަތީޖާއެއްގެ ގޮތުން ދުންފަތުގެ އުފެއްދުންތައް ހީނަރުވެ އެސިނާޢަތުގެ ކުރިއެރުން ހުއްޓުމަކަށް އަންނާނެއެވެ. އަދި 2050 ވަނަ އަހަރާ ހަމައަށްދާއިރު ދުންފަތުގެ އިސްތިޢްމާލުކުރާމީހުންގެ ޢަދަދު ހީނުކުރެވޭ މިންވަރަށް ދަށަށްގޮސް ފުންފަތުގެ އިސްތިޢްމާލުކުރުން ދުނިޔެއިން ނައްތާލެވޭ ހިސާބަށް ކަންތައްތައް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.