20 Jul 2014, 15:07
ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާ ތަކާއި އިސްރާއީލާ ދެކޮޅަށް ހަމާސް ޖަމާއަތުން ދޭ ހަމަލާތައް ތިން ގަޑި އިރަކަށް ހުއްޓައިލަން ރެޑްކްރޮސް ޖަމާއަތުން އެދިއްޖެއެވެ.
އިސްރާއީލްގެ ނޫހެއް ކަމަށްވާ ހާރެޓްޒް ނޫހުން ބުނީ އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ޓަކައި ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ރެޑްކްރޮސް އިން އެދިފައިވާކަން އެގައުމުގެ އޮފިޝަލުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ރެޑްކްރޮސްގެ އެދުމަށް ހަމާސް އިން އިޖާބަދީފައިވާ ކަމަށާއި އިސްރާއީލުން އެއްވެސް ޖަވާބެއް އަދި ނުދޭ ކަމަށް ވެސް އެނޫސް ބުންޏެވެ.
ރެޑްކްރޮސްގެ ހުށަހެޅުމަށް އިސްރާއީލުން އެއްބަސްނުވާ ކަމަށް ހަމާސް އިން ބުނި ނަމަވެސް އެގައުމުން އަދި އެއްވެސް ޖަވާބެއް ނުދޭ ކަމަށާއި ނަމަވެސް ބެލެވެނީ އެއްބަސް ނުވާނެ ކަމަށް ކަމުގައި ވެސް އެނޫހުން ބުންޏެވެ.
އިންސާނީ އެހީ ދިނުމަށް ހަމަލާތައް ހުއްޓާލުމަށް ރެޑްކްރޮސް އިން އެދުނީ އިސްރާއީލުން ޣައްޒާއަށް ރޭ ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް ބޮޑުކަމުންނެވެ.
ހަމާސް ޖަމާއަތުން ދޭ ރޮކެޓް ހަމަލާތަކުން ދިފާއު ވުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް 10 ދުވަސް ވީ އިރު އެހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މަތި ވެފައެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ ގާތް ގަނޑަކަށް 2000 އަށް އަރާފައެވެ.