20 Jul 2014, 14:57
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީއެއް ގާއިމުކުރުމުގެ ޕުރޮޖެކްޓްގެ ދަށުން މިމަހުގެ ތެރޭގައި އެސްޓީއޯއިން ހަތަރު ރަށެއްގައި ފާމަސީ ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯއިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، މިމަހުގެ ތެރޭގައި އެސްޓީއޯއިން ފާމަސީ ހުޅުވާ ހަތަރު ރަށުގެ ތެރޭގައި ހުޅުމާލެއާއި ހއ. ހޯރަފުށީގެ އިތުރުން ލ. މާވަށާއި އެއަތޮޅު ފުނަދޫ ހިމެނޭ ކަމަށެވެ.
އާޒިމް ވިދާޅުވީ، އޭގެ ތެރެއިން ހުޅުމާލެ ފާމަސީ ހެދުމަށް މިހާރު ބިމެއް ދީފައި ވާ އިރު އެ ފާމަސީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގައި އެ ފާމަސީ ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެފާމަސީ އާއެކު ހުޅުމާލޭގައި ދިރިއުޅޭ 30000 އަކަށް ރައްޔިތުންނަށް 24 ގަޑިއިރު އާސަންދަ ލިބޭ ފާމަސީ ގެ ހިދުމަތް ލިބިގެންދާނެ" އާޒިމް ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރައެއް ހުޅުވަން ޖޫން މަހު ހެލްތު މިނިސްޓްރީއާ އެކު އެސްޓީއޯއިން އެއްބަސްވެފައި ވާ އިރު އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ.
ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމް ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.