20 Jul 2014, 14:45
ޔުކްރޭން މަތިން އުދުހެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް-17އިން މަރުވި މީހުންގެ ހަށިތައް ޔުކްރޭންގެ ބާޣީން ގެންގޮސްފި އެވެ.
އެސޯސިއޭޓެޑްޕްރެސް (އޭޕީ) ބުނީ ބޯޓް ވެއްޓުނު ސަރަހައްދުން މިހާތަނަށް ފެނުނު 196 މީހުންގެ ހަށިގަނޑު ބާޣީން ގެންގޮސްފައިވާ ކަމަށާއި ގެންދިޔައީ ކޮން ތަނަކަށް ކަން ނޭނގޭ ކަމަށެވެ. ބޮޑީ ބޭގްތަކުގައި ހަށިތައް ބަންދުކޮށްގެން ޓްރަކަކަށް އަރުވައިގެން ގެންދިޔަތަން އޭޕީގެ ނޫސްވެރިންނަށް ފެނުނު ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އަދި ބާޣީންގެ މީހުން މިހާރު އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި އިމަޖެންސީ ވޯކަރުން މިހާރު ހޯދަމުން އަންނަނީ ހަށިތަކުގެ ވަކިވަކި ބައިތައް ކަމަށެވެ.
އާމްސްޓަޑަމް އިން ފުރައިގެން ކުއާއަލަމްޕޫރަށް ދަތުކުރަނިކޮށް ވެއްޓުނުނު އެމްއެޗް 17 ވައްޓާލި ކަމުގެ ޒިންމާ ޔުކްރޭން ސަރުކާރާއި އެ ގައުމުގެ ބާޣީން ދަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ޔުކްރޭންގެ ވައިގެ ސަރަހައްދުން 33000 ފޫޓް މަތިން އުދުހެނިކޮށް ބޯޓް ވެއްޓުނު އިރު އެބޯޓްގައި ތިބި 283 މީހުން ވެސް މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.
ބޯޓް ވެއްޓިފައި ވަނީ ބާޣީން ކޮންޓްރޯލް ކުރާ ސަރަހައްދަކަށް ވާތީ އެހާދިސާ ތަހުގީގުކުރުމަށް ވަނީ ހުރަސް އެޅިފައެވެ.