ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިއަހަރުގެ ޖޫން މަހުގެ ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، މިދިޔަ ޖޫން މަހު އެސްޓީއޯ ސާފު ފައިދާ ވަރަށް ރަނގަޅު ކަމަށާއި އެގޮތުން ސާފުފައިދާގެ ގޮތުގައި 53 މިލިއަން ދިވެހި ރުފިޔާ ލިބިފައި ވާކަމަށެވެ.

"މިއީ މިދިޔަ މަހުގެ ފައިދާއާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެއް" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއަށް މިދިޔަ މެއި މަހު ފައިދާގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައި ވާއިރު އޭޕްރީލް މަހު ލިބިފައި ވަނީ 61 މިލިއަން ރުފިޔާ އެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯއަށް އެހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ "ޚަރަދު ކުޑަކުރުން" ކަމަށާއި އެސްޓީއޯއިން އެ ފައިދާ ހޯދަމުން އަންނަނީ އެއްވެސް މުދަލެއްގެ އަގު ބޮޑު ނުކޮށް ކަމަށެވެ.