މިއުނިކް (އޭޕީ) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އިންޓަނޭޝަނަލް ކުޅުންތެރިން ޓީމުތަކާ ގުޅުމަށް ފުރިހަމަ ވަގުތު ދިނުމުގެ ގޮތުން ލީގު އަލުން ފެށުން ލަސްކުރުމަށް ބުންޑަސްލީގާގެ އެހެން ކްލަބްތަކުން އެއްބަސް ނުވުމުން ބަޔާން މިއުނިކްގެ ޗެއާމަން ކާލް-ހެއިންޒް ރުމަނިޖް އެ ކްލަބްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޖަރުމަނު ލީގު އަލުން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ރުމިނޭޖް ވަނީ، ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިން ރެސްޓް ކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ލީގު ފެށުން ހަފްތާއަކަށް ލަސްކުރުމަށް ހުށަހަޅައިފައެވެ.

"އެ ހުށަހެޅުން ބޭރުކޮށްލާފައި ވަނީ، ބަޔާން މިއުނިކަށް އުނދަގޫކުރެވޭނެ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވާތީ،" ބަޔާންގެ ޗެއާމަން ވިދާޅުވި އެވެ.

ވޯލްޑް ކަޕްގެ ފަހު ހަފްތާގައި ބަޔާންގެ ނުވަ ކުޅުންތެރިން ޓީމުތަކުގައި ޝާމިލްވި އެވެ. އޭގެ ތެރޭގައި މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ކުޅުނު ނެދަލޭންޑްސްގެ އާޔަން ރޮބޭންއާއި ޑެންޓޭ ހިމެނޭ އިރު މުބާރާތުގެ ޗެމްޕިއަން ޖަރުމަނު ޓީމަށް ކުޅޭ ހަތް ކުޅުންތެރިން ވެސް ހިމެނެ އެވެ.

"ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކުރާ ކްލަބު ތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ނެތްތަން އަހަރެންނަށް ފެނިގެން މިދަނީ،" ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާންގެ ޗެއާމަން ވިދާޅުވި އެވެ.