20 Jul 2014, 13:26
ސަތޭކަ މިލިއަން ލައިކްސް ލިބިގެން ފޭސްބުކް އިން އެންމެ ގިނަ ލައިކްސް ލިބުނު މީހާގެ ރެކޯޑު ޝަކީރާ ގާއިމުކޮށްފި އެވެ.
ކޮލަމްބިއާ އަށް ނިސްބަތްވާ ލަވަކިޔުންތެރިއެއް ކަމަށްވާ ޝަކީރާ ފޭސްބުކްގައި އައު ރެކޯޑެއް ގާއިމުކުރީ ބްރެޒިލްގެ މަރަކަނާ ސްޓޭޑިއަމްގައި މިދިޔަ ހަފްތާގައި ނަގާފައި އިން ފޮޓޯއެއް ފޭސްބުކަށް ލުމުންކަމަށާއި އެފޮޓޯއަށް ހަތަރު ދުވަސް ތެރޭގައި 3.5 މިލިއަން ލައިކްސް ލިބިފައިވާކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ބުންޏެވެ.
ފޭސުބުކް ގައި އެންމެ ގިނަ ލައިކްސް ލިބިގެން ރެކޯޑެއް ގާއިމުކުރި ޝަކީރާ ވަނީ އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ޚާއްސަކޮށް ވީޑިއޯއެއް ލައި ޝުކުރު އަދާކޮށްފައެވެ.
ޝަކީރާގެ ކެރިއަރަށް ލިބިގެން މިދިޔަ ކުރިއެރުމަށް އޭނާގެ ސަޕޯޓަރުންނަށާއި ފޭސްބުކް އަށް ވެސް ޝަކީރާ ވަނީ ޝުކުރުއަދާކޮށްފައެވެ.
"އަހަރެން ފަޚުރުވެރިވޭ މިހިސާބަށް އާދެވުނީތީ އެއީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އަހަރެންގެ ސަޕޯޓަރުން ކޮށްދިން ކަމަކަށް ވުމުން." ގިނިސް ވޯލްޑް ރެކޯޑާއި ވާހަކަދައްކަމުން ޝަކީރާ ބުންޏެވެ. އަދި ބުނެފައިވަނީ " ސޯޝަލް މީޑިއާ އަދި ޚާއްސަކޮށް ފޭސްބުކް ވަނީ އަހަރެންނާއި އެހެން ލަވަކިޔުންތެރިންނަށް ސްޓޭޖާއި އޯޑިއަންސްގެ ދެމެދު އޮންނަ ދުރުކަން ފޫބައްދާދީފައެވެ."